ރާއްޖެއެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މިއީ ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

Ad
rt

މިތަކެތި އަތުލައިގަނެފައިވަނީ ނެދަރލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

މިގޮތުން 20 ނޮވެންބަރު 2022 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަދި ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފަ އެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.34 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2،049،000.00 (ދެ މިލިއަން ސާޅީސް ނުވަހާސް) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައި ކަމަށް އެ އިދާރާ އިން ވިދާޅުވެ އެވެ.

މި ފަހަކަށް އައިސް ކްރިއަރ މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން ގިނަވެފައިވާއިިރު، އެތަކެތި ކަސްޓަމްސް އިން ގެންދަވަނީ އަތުލައިގަންނަމުންކަން ވެސް ފާހަގަކޮށްލެވެ އެވެ.