އއ. ތޮއްޑޫ އާއި އެ އަތޮޅު އުކުޅަހުގައި އެމްއެންޑީއެފުން ޕެރޭޑު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތޮއްޑޫގައި ޕެރޭޑް ބާއްވާނީ މިއަދު ހަވީރު ކަމަށާއި އެއީ ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް ބާއްވާ ޕެރޭޑެއް ކަމަށެވެ.

Ad
rt

އުކުޅަހުގައި ޕެރޭޑް ބާއްވާނީ މާދަމާ ހަވީރު ކަމަށާއި މިއީ އެރަަށު ކައުންސިލުގެ އެދިލެއްވުމަކަށް ބާއްވާ ޕެރޭޑެއް ކަމަށް ވިދާޅުވި އެވެ.

މި ދެ ރަށުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހެއްގެ ހަވީރު 16:30 ގައި ކަމަށާއި ޕެރޭޑްގެ ތެރެއިން، އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުން ރާގު ކުޅޭނެ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެ އެވެ.

މީގެ އިތުރުން އެ ދެ ރަށުގައި ޕެރޭޑް ކުރިއަށްގެންދާއިރު، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އެމްއެންޑީއެފްގެ ލީޑަރޝިޕުން އެ ދެ ރަށަށް ވަޑައިގެން، ޕެރޭޑް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑަކީ، ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ، އަދި، އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ހަރަކާތެކެވެ.

އެމްއެންޑީއެފްގެ ޕެރޭޑްތައް އާއްމުކޮށް ބާއްވަމުންދަނީ މާލޭގައި ނަމަވެސް، ފަހަކަށް އައިސް އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ އިތުރުކޮށްފަ އެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ވިސްނުންފުޅު ހުރީ، ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުމެވެ.