އިސްލާމް ދީން ވަނީ ހުރިހައި މާނައެއްގައި ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައިކަމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ.

"އަނިޔާވެރިންނަށް މާތްﷲ މުހުލަތު ދެއްވަ އެވެ." މި މައުޟޫއަށް މއިަދު ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަހުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށާއި އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޛާބަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އުއްމަތްތައް ހަލާކުވުމުގެ ސަބަބެއް ކަމަށެވެ.

Ad
rt

ކަންމިހެން އޮތްނަމަވެސް އަނިޔާވެރިންނާއި ފާސިގު، ނުބައި މުޖުރިމުން މާތްﷲ ހަލާކު ނުކުރައްވައި، އެއުރެންނަށް މުހުލަތު ދެއްވަނީ ކީއްވެތޯ ކުރެވޭ ސުވާލަކީ އިސްލާމް ދީނާއިމެދު ޝައްކު އުފައްދައި، ދީނަށް ފުރައްސާރަކުރާ މީހުންގެ ފަރާތުން ވަރަށް ގިނައިން އުފައްދާ ސުވާލެއް ކަމަށް ވެސް ހުތުބާގައި ވެއެވެ.

"މާތްﷲ އަކީ އަނިޔާވެރިންނަށާއި ފާސިދުންނަށާއި އެކަލާނގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަށް މުހުލަތު ދެއްވާ ރަސްކަލާނގެ އެވެ. ނަމަވެސް މާތްﷲ އެއުރެން ކުރާ އަނިޔާތަކާއިމެދު އިހުމާލުވެ، ޣާފިލުވެވޮޑިގެނެއް ނުވެތެވެ. އަނިޔާވެރިއަކު، މީހަމަށް ހަމަ އަނިޔާއެއް ކުރާއިރަށް އެމީހަކަށް އުގޫބާތެއް ވެސް ނުދެއްވާނެތެވެ. ބައެއްފަަހަރު އަނިޔާވެރިޔާއަށް މުހުލަތު ދެއްވަނީ އޭނާ އިސްލާހުވެ، ތައުބާވުމަށްޓަކަ އެވެ. އަނެއްބައި ފަހަރަށް އޭނާއަށް އުގޫބާތް ނުދެއްވަނީ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކަ އެވެ." ހުތުބާގައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ވިދާޅުވީ ދުނިޔެއަކީ ޖަޒާ ދެއްވުމުގެ ގޮވައްޗެއް ނޫން ކަމަށާއި ޖަޒާ ދެއްވުމުގެ ގޮވައްޗަކީ އާޚިރަތް ދުވަސް ކަމަށެވެ.

ފިރުއައުނަކީ ތަފާތު އެކި ގޮތްގޮތުން ގައުމުގެ މީހުންނަށް އަނިޔާވެރިވި، ނުބައި ނުލަފާ ޖައްބާރެއްކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ އޭނާއަކީ ބިން ފަސާދަކޮށް ކިބުރުވެރިކަމާއި ބޮޑާކަންމަތީ އުޅުނު ވެރިއެއްކަން ވެސް ހަނދާންކޮށްދެއްވާފަ އެވެ. އަދި "ކަލެއް" ކަމަށް ދައުވާކޮށް، އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ދިޔަ މީހެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ ﷲގެ އަޅުތަކުންނާ ބެހޭ އިލާހީ ސުންނަތަށް ބަދަލެއް ނާންނާނެ ކަމަށާއި ކިތަންމެ ބާރުގަދަ ފަރާތަކަށް ވެސް އެ ސުންނަތް ރައްދެއް ނުކުރެވޭނެ ކަމަށެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން އެއިން އެއްވެސް ކަމެއް އަވަހެއް ވެސް ނުމެ ކުރެވޭނޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މާތްﷲ ކަންހިންގަވާ ގޮތަށް ބަލާއިރު، އަނިޔާވެރިން މަޑުމަޑުން ހަލާކުގެ ތެރެއަށް ވައްޓަވާލައްވާނެ ކަމަށާއި އެ އުގޫބާތުން ސަލާމަތް ނުވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އުގޫބާތް ދުނިޔެއާއި އާޚިތަރުގައި ވެސް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.