ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން މިއަދު ވިދާޅުވީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން އެ އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު، ހާމަވާ ކަމަށެވެ.

Ad
rt

ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން އެކަން، ކޯޓަށް އަންގަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ އޮފީހުން އިތުރަށް ވިދާޅުވީ ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި, އެފަދަ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ހުކުމާ އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާމީހުންގެ މައްޗަށް އަލުން ޖަލު އަދަބު، ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.