ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފަހު މެޗުތަކުގައި މިރޭ ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ޓިއުނީޝިއާއިން ކާމިޔާބުކުރި އިރު، މި ގްރޫޕުގައި ޑެންމާކާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރޭލިއާ ވެސް ޖާގަ ހޯދައިފިއެވެ.

މިރޭ ގަތަރުގެ އައްރައްޔާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓިއުނީޝިއާއިން ފްރާންސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މިރޭގެ މެޗަށް ފްރާންސް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ދެވަނަ ބުރުގެ ޖާގަ ޔަގީންވެފައެވެ. ވުމާއެކު އެ ޓީމްގެ ފުރަތަމަ އެގާރައަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ބަލާއިރު އެ ޓީމްގެ ތަރި އެމްބާޕޭ، އެންޓޯނިއޯ ގްރީޒްމަން، ހޫގޯ ލޮރިސް، ރެބިއުޓް، ޑެމްބެލޭ، އޮލިވަ ޖިރޫޑް ފަދަ ކުޅުންތެރިން މެޗު ފެށީ ބެންޗުންނެވެ.

މެޗުގައި ގިން ވަގުތު ބޯޅަ ހިފަހައްޓައިގެން ފްރާންސުން ކުޅުނު ނަމަވެސް ޓިއުނީޝިއާއިން ވެސް ފެނުނީ ފްރާންސާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކިތަނެވެ. މިގޮތުން ދެ ޓީމުން ވެސް ވަނީ މެޗުގައި ލަނޑުޖަހާނެ ފުރުޞަތުތައް ތަނަވަސް ކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކަޒްރީއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ފްރާންސްގެ ހާފުގެ މެދަކާ ހިސާބުން ބޯޅަ ހިފައިގެން ގޮސް ފްރާންސްގެ ޑިފެންސް ތެރެއިން ދެމިގަނެ ގޯލުގެ ކައިރި ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޓިއުނީޝިއާއިން ލަނޑު ޖެހުމާއިއެކު ފްރާންސުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ގްރީޒްމަންއާއި އެމްބާޕޭ، ޑެމްބެލޭގެ އިތުރުން ރެބިއުޓް ވެސް ކުޅެން އަރުވައި ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލަން މަސައްކަތްކުރިއެވެ. އެގޮތުން ފްރާންސުން މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ވެސް ޖެހިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.

މި ގްރޫޕްގައި ޑެންމާކާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އޮސްޓްރޭލިއާ ވަނީ ޖާގަ ހޯދާފައެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ގްރޫޕްގެ ދެވަނަ ހޯދައި މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ހޯދި އޮސްޓްރޭލިއާއަށް ވެސް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ފްރާންސަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ތިންވަނަ ހޯދި ޓިއުނީޝިއާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޑެންމާކަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދި ޓީމްތައް، ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ އާޖެންޓީނާ ހިމެނޭ ގްރޫޕް ސީން ދެވަނަ ބުރުން ޖާގަ ހޯދާ ޓީމްތަކާއެވެ.

މިރޭ ގްރޫޕް ސީގެ ފަހު މެޗުތަކުގައި ޕޮލެންޑް ނުކުންނާނީ އާޖެންޓީނާއާއި ދެކޮޅަށެވެ. ސައުދީ އަރަބިއްޔާ ނުކުންނާނީ މެކްސިކޯއާއި ދެކޮޅަށެވެ. މި ދެމެޗު ފަށާނީ 00:00 ގައެވެ.