އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާކޮށްފިއެވެ.
ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނެފައިވާ ގޮތުގައި އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާވާނީ މާދަމާއިން ފެށިގެންނެވެ.
މިއީ ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމަށް ގެންނަ ބަދަލެކެވެ.
ކެމްއިން ބުނީ މި ބަދަލާއި އެކު މާދަމާއިން ފެށިގެން ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ އެކްޓިވް ނުވާ ގޮތަށް ކަމަަށެވެ. އަދި ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުން ކަމަށް އެ އިދާރާއިން ބުންޏެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލް، މުވާސަލާތީ ހިދުމަތް ދޭ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ލިބޭނެ ކަމަށްވެސް ކޭމް އިން ބުނެއެވެ.
ކޭމްއިން ބުނީ ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ވެސް ކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!