ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައި ވަނީ ސިންގަޕޫރުގެ ސަފީރު، ނައިބުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގަ އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެ މަގާމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ތައުލީމާއި، ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ހަމަމިއާއެކު ތައުލީމީ ކަރިކިއުލަމް ޑިވެލޮޕްކުރުމާއި ވޮކޭޝަނަލް ތަމްރީނާއި ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކާއި ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފަދަ އިނިޝިއޭޓިވްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި ދެ ގައުމުން ވެސް އިލްމާއި ތަޖުރިބާ ހިއްސާކުރަންޖެހޭކަން ދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެ ބޭފުޅުން ދެއްވި އެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!