ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އިންގްލެންޑާއި އެމެރިކާ ޖާގަ ހޯދައިފިއެވެ.

ރޭ ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. އިންގްލެންޑްގެ ފުރަތަމަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. ރަޝްފޯޑް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ވޭލްސްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

އިންގެލެންޑްގެ ދެވަނަ ލަނޑު ޖެހިގެން އައި މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފިލް ފޮޑެންއެވެ. ފޮޑެން މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

އިންގްލެންޑްގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިއާ މަގާމް ހޯދި ރަޝްފޯޑެވެ. ރަޝްފޯޑް މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ކެވިން ފިލްޕްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި ގްރޫޕްގައި ރޭ އެމެރިކާއާއި އިރާން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އެމެރިކާއެވެ.

މި މެޗުގައި އެމެރިކާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޑެސްޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޗެލްސީއަށް ކުޅެމުން އަންނަ ޕްލިސިޗެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި މި ގްރޫޕުން ދެވަނަ ބުރަށް ދަތުރު ކޮށްފައި ވަނީ އިންގްލެންޑެވެ. ދެވަނ ޓީމްގެ ގޮތުގައި އެމެރިކާ ދެވަނަ ބުރުން ޖާގަ ހޯދިއިރު، އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. މި ގްރޫޕުން ކަޓާފައި ވަނީ އިރާނާއި ވޭލްސްއެވެ.

ދެވަނަ ބުރުގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ ގްރޫޕް އޭއިން ދެވަނަ ހޯދި ސެނެގާލްއާއެވެ. ދެވަނަ ބުރުގައި އެމެރިކާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭއިން އެއްވަނަ ހޯދި ނެދަލެންޑްސްއާއެވެ.