ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ހާއްސަ އެވޯޑެއް ދިނުމަށް ތައްޔާރުވެއްޖެއެވެ.
ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިފަހަރު އެރަށުގެ 59 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށް މިލަންދޫ ކައުންސިލުން ވިދާޅުވެއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް ''ތިލަދުން'' އަށް ވިދާޅުވީ، މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު މިފެށޭ ޑިސެމްބަރު މަހުގެ 21 ގައި ބޭއްވުމަށް ނިންމައި ތައްޔާރީތައް ވަމުން އަންނަކަމަށެވެ.
މިލަންދޫ ކައުންސިލުގެ ފާށަނާ އެވޯޑް 2022
- ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ އިއްޒަތްތެރިންނަށް ޝަރަފުގެ އެވޯޑް
- ރަށަށް އެކި ދާއިރާތަކުުން ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށްދޭ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ އެވޯޑް
- ރަށު ހިންގުމުގެ ދާއިރާގެ މަސައްކަތް ތެރިންނަށްދޭ ޚިދުމަތުގެ އެވޯޑް
- ރަށަށް ރީތި ނަން ހޯދާދީފައިވާ ފަރާތްތަކަށްދޭ އެވޯޑް
މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމްގެ ދެ ކަނބަލުން އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
''މާކަނޑޫދޫ އިރުން ފެށިގެން މިލަންދޫ މިހިސާބަށް އައިސްފައި މިވަނީ މިފަދަ ބޭފުޅުން ކުރެއްވި މިންނެތް އިޚްލާސްތެރި މަސައްކަތުން،'' މިފަދަ އެ ވޯޑެއް ދޭން ނިންމި ސަބަބާއިގުޅޭގޮތުން އާތިފް ވިދާޅުވިއެވެ.
''އެހެން ކަމުން އެބޭފުޅުން އެކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް މާދަމާގެ އަންނަން އޮތް ރަށުގެ ޖީލުތަކަށް މިބޭފުޅުން ކުރި ބުރަ މަސައްކަތާއި ރަށް ރަށަކަށް ހެދުމަށް ކުރި ބުރަ މަސައްކަތްތައް އަންގައިދީ އޮޅުންފިލުވައިދީ އެރޫޙް މިއަދުގެ ޖީލްތަކުގެ މެދުގައި އަށަ ގެންނެވުމާއި މިހާރު ތިބި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރާނެ ބަޔަކު އުފެއްދުމަކީ މިފަދަ އެވޯޑެއް ދިނުމުގެ އެންމެ ބޮޑު މަޤުސަދު'' އާތިފް ވިދާޅުވިއެވެ.
މިލަންދޫ ކައުންސިލުން މިފަދަ އެވޯޑެއް ދޭން ނިންމިއިރު، އެ ކައުންސިލަކީ ރަށުގެ އުމްރާނީ، އިގްތިސާދީ އަދި އިޖުތިމާއީ ދުޅަހެޔޮކަމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!