ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައި ދިނުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި، "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
އިގްތިސާދު، ސިންދަފާތު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް އޮތްކަން ވެސް ނައިބު ފާހަގަކުރެއްވި އެވެ.
ކޯވިޑް-19ގެ ހާލަތުގައި ސަރުކާރުން އެޅުއްވި އިގްތިސާދީ ފިޔަވަޅުތަކަށް ޕްރައިވެޓް ސެކްޓަރއިން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ހާލަތުގައި ކުރިމަތިވި އިގްތިސާދީ ގެއްލުންތަކުން އަރައިގަނެވުނީ ސަރުކާރާއި އެކު ޕްރައިވެޓް ސެކްޓަރ އިންވެސް ކުރި މަސައްކަތުން ކަމަށެވެ.
ހަމަމިއާއެކު ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެގައުމެއްގެ އިގްތިސާދު ބިނާވެފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރ އިން ކުރާ މަސައްކަތްތަކަށް ޝުކުރުއަދާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މުޅިން ޕްރައިވެޓް ސެކްޓަރގެ މައްޗަށް ބިނާވެފައިވާ ސިނާއަތެއްކަން ވެސް ނައިބު ފާހަގަކުރެއްވި އެވެ.
ނައިބު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާކޮށްގެން ތިބޭ ތިބުން ބަދަލުކުރަން ޖެހޭ ކަމަށެވެ.
މިހަފްލާގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ހަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުހައްމަދު ސާލިހަށް އެވޯޑް ހަވާލުކޮށްދެއްވީ ފައިސަލް ނަސީމެވެ.
"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މިލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ.
"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.
މި ހަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!