ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރުން ނެދަލެންޑްސްއާއި ސެނެގާލް ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ އަލްބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މުޅި މެޗު ޑޮމިނޭޓް ކޮށްގެން ނެދަލެންޑްސްއިން ކުޅެފައިވާއިރު، އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުން ކުރީގައި އޮވެއެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ޑެވީ ކްލާސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކޯޑީ ގަކްޕޯއެވެ. ނެދަލެންޑްސްއިން މި މުބާރާތުގައި ކުޅުނު ތިން މެޗުގައި ވެސް ގަކްޕޯ ވަނީ ލަނޑުޖަހާފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނެދަލެންޑްސްއިން ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިޔޮންއެވެ.
މި ގްރޫޕްގައި މިރޭ ސެނެގާލް ވަނީ 2-1 ގެ ނަތީޖާއިން އިކުއެޑޯ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ސެނެގާލުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އިސްމާއިލާ ސާއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން އިކުއެޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން ވަނީ 67 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ކެއިސެއިޑޯއެވެ.
މި މެޗުން ސެނެގާލް މޮޅު ކޮށްދިން ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން ކުލިބާލީއެވެ.
މި ނަތީޖާތަކާއިއެކު ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައި ވަނީ ނެދަލެންޑްސްއެވެ. ދެވަނަ ޓީމްގެ ގޮތުގައި ސެނެގާލް ދެވަނަ ބުރުން ޖާގަ ހޯދިއިރު، އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ 6 ޕޮއިންޓެވެ. ކުޅުނު ތިން މެޗުން ލިބުނު 4 ޕޮއިންޓާއިއެކު އިކުއެޑޯއަށް ލިބުނީ ތިންވަނައެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގަތަރެވެ.
ދެވަނަ ބުރުގައި މި ގްރޫޕުން ކޮލިފައިވީ ޓީމްތައް ވާދަ ކުރަން ޖެހޭނީ، އިންގްލެންޑާއި އެމެރިކާ ހިމެނޭ ގްރޫޕް ބީން ދެވަނަބުރުން ޖާގަ ހޯދާ ޓީމްތަކާއެވެ. މިގޮތުން ނެދަލެންޑްސް ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. ސެނެގާލް ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދާ ޓީމާއެވެ.
ގްރޫޕް ބީގެ ފަހު ދެ މެޗު މިރޭ 00:00 ގައި ކުޅޭނެއެވެ. އިންގްލެންޑުން ވޭލްސްއާއި ދެކޮޅަށް ނުކުންނައިރު އިރާން ނުކުންނާނީ އެމެރިކާއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!