މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ގަރާޖުތައް ރައްކާތެރި ތަނަކަށް ބަދަލުކުރަން ހުޅުމާލެއިން ބިން ދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މާލޭގައި ހިންގާ 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް 1،000 އަކަފޫޓު އަދި އެއަށްވުރެ ބޮޑު ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ގަރާޖުތައް ހަދަން ދޫކުރާ ބިމުގައި ދެ ބުރިއަށް އިމާރާތްކުރެވޭނެއެވެ.
މީހުން ދިރިއުޅޭ ގެތަކުގައި ހިންގާ ގަރާޖުތަކުގައި ވެލްޑިން ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެއެވެ. އަދި އެ ތަންތަނުގައި ތަފާތު ކެމިކަލްތައް ބޭނުންކުރުމުން ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އެހެންވެ، އެޗްޑީސީން ބުނީ ރައްކާތެރި ތަނެއްގައި ގަރާޖުތައް ހިންގަން ބިން ދޫކުރުމަކީ އެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމެއް ކަމަށެވެ.
މިއީ ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށާއު ގަރާޖުތައް ބަދަލުކުރަން ބިން ހޯދުމަށް ވަކިން އިއުލާނުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އެކަމުގެ ތަފްސީލުތައް ފަހުން ހިއްސާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލޭގައި ގަރާޖެއްގައި އަލިފާން ރޯވެ ދާދި ފަހުން ވަނީ ހިތާމަވެރި ހަދިސާއެއް ހިނގާފައެވެ. މި ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު ގަރާޖު ހިންގަމުން އައީ ހުއްދަ ނެތި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!