އޮތެންޓިކް މޯލްޑިވްސްގެ ދެ ސަޕްލަޔަރަކަށް، ވިޔަފާރީގެ ދާއިރާއިން ޚާއްޞަ އެވޯޑެއް ލިބިއްޖެ އެވެ.

މިއެވޯޑު ލިބިފައިވަނީ، "ވުމަންސް އިންޑިއަން ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ" (ޑަބްލިޔު.އައި.ސީ.ސީ.އައި) އިން މި ނޮވެމްބަރ މަހުގެ 23 ން 24 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި "އިންޓަރނޭޝަނަލް ވުމަން އޮންޓްރަޕްރެނިއަރސް ސަމިޓް 2022" ގައި ބައިވެރިވި ދިވެހި އަންހެން ދެވިޔަފާރިވެރިއަކަށެވެ.

Ad
rt

ޑަބްލިޔު.އައި.ސީ.ސީ.އައި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ވިޔަފާރިވެރި އަންހެނުންނަށް، އެބޭފުޅުންގެ ވިޔަފާރިއާއި އުފެއްދުންތައް ބައިނަލްއަޤުވާމީ މަންސައެއްގައި މަޢުރަޟުކުރުމުގެ ފުރުޞަޠު ފަހިކޮށްދިނުމަށް ބޭއްވި ސަމިޓެކެވެ.

ކުދިވިޔަފާރިވެރިންނަށް އެސަމިޓުގައި ބައިވެރިވުމުގެ ފުރުޞަޠު ބީސީސީން ޢާންމުކޮށް ހުޅުވާލުމުން އެކަމަށްއެދި ކުރިމަތިލެއްވި އަޒްލީނާ އަމީންއާއި ޔުމްނާ ރަޝީދަކީ ވަރަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވާ ދެބޭފުޅުންނެވެ. އެގޮތުން އަޒްލީނާއަކީ 'އާޓިސްޓްރީ' ގެ ނަމުގައި އޭނާ ހިންގަވާ ވިޔަފާރި މެދުވެރިކޮށް 'އޮގާ' ގެ ނަމުގައި ޚާއްޞަ ބްރޭންޑެއް ތަޢާރަފް ކުރައްވައި، އެވިޔަފާރި ފުޅާކުރައްވަމުން އަންނަ ބޭފުޅެކެވެ.

އޮގާގެ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ސައިބޯންޏާއި، ބާމުގެ އިތުރުން އުއްބައްތިފަދަ އުފެއްދުންތައް ހިމެނެއެވެ. އޮގާ ބްރޭންޑުގެ އުފެއްދުންތައް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުންނާއި، މީސްމީޑިއާގައި އޮގާގެ ފަރާތުން ހިންގާ ޕޭޖްތަކުންވެސް ގަންނަން ލިބެން ހުރެއެވެ. މިއުފެއްދުންތަކަކީ ދިވެހީންގެ އިތުރުން ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލުވަމުން އަންނަ އުފެއްދުންތަކެކެވެ. އަޒްލީނާއަށް ވަނީ 'އެކްސެޕްޝަނަލް ވުމަން އޮފް އެކްސެލެންސް' އެވޯޑް ލިބިފައެވެ.

އަޒްލީނާގެ އިތުރުން މިއެވޯޑް ލިބިވަޑައިގެންނެވީ ޔުމްނާ ރަޝީދަށެވެ. ޔުމްނާއަކީ 'ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް' ގެ ނަމުގައި ގޭގައި އޭނާ ކުރައްވާ މަސައްކަތް ވިޔަފާރިއަކަށް ބަދަލުކުރައްވައި އެރޮނގުން ކުރިއަރަމުން އަންނަ ޒުވާނެކެވެ. ޔުމްނާގެ ވިޔަފާރީގައި އޭނާ މައިގަނޑު ގޮތެއްގައި އުފައްދަވަނީ ކުޑަކުދިންގެ ކުޅޭއެއްޗެއްސެވެ. އެގޮތުން އޭނާ ގޭގައި ހައްދަވާ ސޮފްޓް ޓޯއީސްއާއި އެނޫންވެސް ބާވަތްތަކުގެ އެއްޗެހި އޯޑަރަށް ހައްދަވައި އުޅުއްވުމަކީ އޭނާގެ ވަރަށްބޮޑު ޝަޢުޤެކެވެ. ކުޑަކުދިން ބޭނުންވާ ގޮތަށް ކަސްޓަމްމޭޑް އުފެއްދުންތަކުގެ ގޮތުގައި އޭނާ އެކި އެއްޗެހި އުފައްދަވައި އެވިޔަފާރިން ޚިދުމަތް ހޯއްދަވާ ކަސްޓަމަރުންގެ ލޯބި އޭނާވަނީ ހޯއްދަވާފައެވެ. މި ސަމިޓުގައި ޔުމްނާއަށް ވަނީ 'ޔަންގް އިނޮވޭޓަރސް ކްރިއޭޓިންގ އަ ބެޓަރ ވޯލްޑް ފޮރ އޯލް' ލިބިފައެވެ.

މި ދެވިޔަފާރިވެރިންނަކީ ތަފާތު ޚިޔާލެއް ފައްކާކުރައްވައި އެކަމުން ވިޔަފާރީގެ ދާއިރާގައި ކުރިއަރަމުން އަންނަ ދެބޭފުޅުންނެވެ. މި ދެބޭފުޅުންގެ އުފެއްދުންތަކަށް އޮތެންޓިކް މޯލްޑިވްސްގެ ކަސްޓަމަރުންގެ ތަރުޙީބުވެސް ވަރަށް ރަނގަޅުކަން ފާހަގަކުރެވެއެވެ.