މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ.
ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން ހިމެނެ އެވެ. އަދި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމަށް ވެސް ވަނީ ޝަރުތު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަންގައި ފުރަތަމަ މަސްތުވާތަކެތީ ހޯދީ މާލޭގެ ބުރުޒު މަގުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވުމަށްފަހު އެެވެ. އެ ތަނުން ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ އަހްމަދު ސުނައިނު އާއި އަލީ ޒުބައިރު އެވެ. މި ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.
މިދިޔަ އަހަރު، މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއް ގައި މުޖާހިދު ހައްޔަރުކޮށް، ދައުލަތުން އޭނާގެ މައްޗަށް ވަނީ ޑައިފޯމިން ޓްރެކް ކުރުމުގެ ދައުވާ އުފުލާފަ އެވެ.
އެހެންނަމަވެސް މި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ހަމައެރަށު އަލޯރާ، އަހުމަދު މުޖާހިދު (29އ) އަދި އިރުމަތީގެ، އަހުމަދު ސުނައިނު (25އ) ގެ މައްޗަށެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަސްތުވާތަކެއްޗަކީ ޑިސެމްބަރު 12، 2021 ވަނަ ދުވަހުގެ ފަތިހު "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށާއި އެކުގައި އުޅުނީ އަލީ ޒުބައިރު އާއި އަކްރަމް އަބްދުލް ހަންނާން އާއި އަހުމަދު މުޖާހިދު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!