އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އައު ވީޑިއޯ ލަވަ އިފްތިތާހް ކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

މީގެއިތުރުން ނައިބު ރައީސް، ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދު ވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި ޢާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ.

މިގޮތުން އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމަޢުގައި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވިދާޅުވީ ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، 6 މަސްދުވަހުގެ މެޓާރނިޓީ ލީވް މަންމައަށް ދީފައިވާ ކަމަށެވެ. އަދި އެއްމަސް ދުވަހުގެ ޕެޓާރނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާ ކަމަށް ވެސް ވިދާޅުވީ އެވެ.

އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި ޢާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާކަން ފާހަގަ ކުރައްވާ ނައިބު ވިދާޅުވީ ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ އާއއިލާތަކާއިއެކުގައި ކަމަށްވުމާއިއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ.

އެހެންކަމުން މައިންބަފައިންނާއި މުޖުތަމަޢުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް އެދިވަޑައިގެން، އެމަނިކުފާނު ވަނީ ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގައި މުޅި މުޖުމައުގެ އެންމެން ބައިވެރިވުމަށް ވެސް ވަނީ ގޮވައިލައްވާފަ އެވެ.

ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020 ގަ އެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފަ އެވެ.