ޒިންމާތަކަށް އިހްމާލުވުމުން، ރ. ދުވާފަރު ކައުންސިލުގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފި އެވެ.
އެރަށު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކުރަން ނިންމީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ބޯޑުގެ ބައްދަލުވުމުގަ އެވެ.
އެލްޖީއޭގެ އޮފިސަލަކު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަދި އިތުރު މެންބަރު ސަސްޕެންޑް ކުރީ 3 މަހަށް ކަމަށެވެ. އިތުރު މެންބަރަކު 2 މަހަށް އަދި ބާކީ ހުރި މެންބަރު 1 މަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އިތުރު މެންބަރަކުވަނީ މީގެ ކުރިން އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.
ކައުންސިލްގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ އެކަމުގައި ޝާމިލް ވާކަމުގެ ތުޙުމަތު ކުރެވޭ އެކައުންސިލްގެ ސެކެޓްރީ ޖެނެރަލް އާއެވެ.
ސެކެޓްރީ ޖެނެރަލް އަށް ފިޔަވަޅު އެޅޭނީ ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އަށެވެ. ކައުންސިލަރުން ސަސްޕެންޑް ކުރަންޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ ހިންގުން ހަވާލުކުރުމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ އެސްޖީއަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެރަށުގެ ކައުންސިލަރުން ސަސްޕެންޑްކޮށްފައި މިވަނީ ކައުންސިލްގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ކައުންސިލަރު އަހުމަދު ސަމޫހު ވަނީ ކުރިން އިސްތިއުފާދެއްވާފަ އެވެ. އެހެންކަމުން ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލުކުރުން އެ މެމްބަރުންނަށް ވަނީ މަނާކޮށްފަ އެވެ.
ދުވާފަރު ކައުންސިލަށް ތުހުމަތުވާ ވައްކަމުގެ މައްސަލަ ހާމަވީ އެލްޖީއޭއިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ނެވެ. އެރިޕޯޓުގައިވާ ގޮތުން އެ ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސަރވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އެގޮތުން މޮނިޓަރިން ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފު ޖުމުލަ 34 މައްސަލަ ފާހަގަކޮށްފައި ވެެއެވެ.
އެގޮތުން ކޮވިޑް-19 ދުވަސްވަރު މެމްބަރުންގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންގެދިޔަކަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!