ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗު އެއްވަރުވުމުން އެ ގްރޫޕްގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.

ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި އިންގްލެންޑާއި އެމެރިކާ ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި ގްރޫޕްގައި ކޮނެމް ޓީމަކުން ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އިންގްލެންޑެވެ. ދެވަނާގައި ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އިރާން އޮތްއިރު، ދެ މެޗުން ލިބުނު ދެ ޕޮއިންޓާއިއެކު އެމެރިކާ އޮތީ ތިންވަނާގައެވެ. އެއް ޕޮއިންޓާއިއެކު ތާވަލުގެ ފުލުގައި މިވަގުތު އޮތީ ވޭލްސްއެވެ.

މި ގްރޫޕް ފަހު މެޗުތަކުގައި އަންގާރަ ދުވަހުގެ ރޭ ވޭލްސް ނުކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ. ވޭލްސްއިން ދެވަނަ ބުރުން ފުރުޞަތު ހޯދަން އިންގެލްންޑް ބަލިކުރުން ނޫން ގޮތެއް ނޯންނާނއެވެ. މި ގްރޫޕުގައި ހަމަ އެ ރޭ އިރާނާއި އެމެރިކާ ބައްދަލުކުރާއިރު، މެޗު އެއްވަރު ކޮށްލައިގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އިރާނަށް އެބައޮތެވެ. އެމެރިކާއަށް މޮޅުވުން ނޫން ގޮތެއް ނޯންނާނެއެވެ.

އެމެރިކާއާއި އިންގްލެންޑް މިހާތަނަށް ތިން ފަހަރަކު ވާދަ ކޮށްފައިވާއިރު، އަދި އިންގްލެންޑަށް އެމެރިކާގެ މައްޗަށް ކުރި ހޯދިފައި ނުވެއެވެ. މިގޮތުން 1950 ވަނަ އަހަރު ވޯލްޑް ކަޕްގައި މި ދެ ޓީމް ކުޅުނު މެޗު ކާމިޔާބު ކުރީ އެމެރިކާއެވެ. 2010 ގެ ވޯލްޑް ކަޕުގައި ވެސް މި ދެޓީމް ވާދަކޮށްފައިވާއިރު، އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ރޭ އިންގްލެންޑާއި އެމެރިކާ ބައްދަލުކުރި މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ސަކާ އެމެރިކާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ކޭން ފޮނުވާލި ނަމަވެސް އެ ބޯޅަ އެމެރިކާގެ ޑިފެންޑަރުން ވަނީ ބްލޮކް ކޮށްފައެވެ.

ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެމެރިކާއަށް ވެސް ވަނީ ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. އިންގްލެންޑްގެ އޭރިއާތެރެއަށް ހުރަސްވީ ބޯޅަ ހުހަށްހުރެ ފޮނުވާލަން އެމެރިކާގެ މެކެނީއަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން އެމެރިކާގެ ޕުލިސިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފުގެ ފަހުވަގުތު އިންގްލެންޑުން ވަނީ އެމެރިކާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެމެރިކާގެ އޭރިއާ ބޭރުގައި ހުރެ އިންގްލެންޑްގެ ފޯވާޑް މައުންޓް ފޮނުވާލި ހަމަލާ އެމެރިކާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ ދެ ޓީމްވެސް ޑިފެންސަށް ހާއްސަ އިސްކަމެއް ދީގެން ކުޅުނު ތަނެވެ. ވުމާއެކު އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތެއް މި ހާފުގައި ހޯދިފައި ނުވެއެވެ.

މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. މެންދުރުފަހު 15:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޓިއުނީސިއާއާއި އޮސްޓްރޭލިއާއެވެ. އިރުއޮއްސި 18:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ޕޮލެންޑާއި ސައުދީ އެރެބިއާއެވެ. މިރޭ 21:00 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ފްރާންސާއި ޑެންމާކެވެ. މިރޭ ދަންވަރު 00:00 ގައި ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާއާއި މެކްސިކޯއެވެ.