ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އައްޑޫ ސިޓީ ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އައްޑޫ ސިޓީ އާއި މާލެ އަތޮޅުގައި ކައުންޓާ ޓެރަރިޒަމާއި ދެކޮޅަށް މިހައިތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ.

Ad
rt

މާރިޔާ ވަނީ މުޖުތަމައުގައި މިފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެތިބެ ކެނޑިނޭޅި އެމަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި އާއްމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ މިފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވަނީ އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަނ ްވެސް ފާހަގަ ކުރައްވާފަ އެވެ. އަދި ރާއްޖެ ފަދަ ކުޑަ ޓުއަރިޒަމަށް ބަރޯސާވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ގައުމެއްގައި، މިފަދަ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަން ވެސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ސިފައިން ގުޅިގެން ދާދިފަހުން ހިންގި އޮޕަރޭޝަންގައި 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 10 މީހުން ހައްޔަރު އައްޑޫ ސިޓީން ހައްޔަރުކުރިއިރު، މާލެއިން ދެ މީހުން އަދި ކ. ގުރައިދޫން ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެމީހުން ހައްޔަރުކޮށް ބަލާ ފާސްކުރި ތަންތަނުން ބޮން ހަދާ ތަކެއްޗާއި ބޮން ހަދަން ބޭނުން ކުރާ ކެމިކަލް ފަދަ އާލާތްތައް ފެނިފައިވާ ކަމަށާއި އެމީހުން ރާވަމުންދިޔައީ ގިނަ ބަޔަކު އެއްވާތަނެއްގައި ބޮން ގޮއްވައި މީހުން މެރުމަށް ކަމަށެވެ.

އެމީހުން ބޮން ގޮއްވާލަން އުޅުނު ތަނުގެ މައުލޫމާތު އެނގުނު ނަމަވެސް އެ މައުލޫމާތު ފުލުހުން މިހައިތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރު ކުރި އެންމެންނަކީ ވެސް އައްޑޫ ސިޓީގެ ރަށްތަކަށް ނިސްބަތްވާ މީހުން ނެވެ.