ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީން އަދި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެެއް ނާޅައެވެ. އަދިކޮޅު ކޯލިޝަނުން އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ކަމަށް ކަނޑައަޅައި ޓިކެޓް ވެސް ދީފައިވާއިރު، އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީ ލަސްކޮށްފައެވެ.
ޝަރީފް މިއަދު ވިދާޅުވީ، އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިޙް ނޫން ޗޮއިސްއެއް ނެތް ކަމަށެވެ. އަދި ހަމައެކަނި ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށް ވެސް ވިދާޅުވިއެވެ.
''ޕީޕީއެމް އަށް ވެރިކަން ދޫކޮށްލަން ބޭނުން ފަރާތްތަކުން އެ ނޫން ގޮތަކަށް ވަކާލާތު ކުރަނީ، މިއީ އެންމެނަށް އިނގޭ އިނގޭ ޙަޤީޤަތެއް'' ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް މިހެން ވިދާޅުވި އިރު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއްގެ އޮއިވަރު އަންނަނީ ހިނގަމުންނެވެ. އެއް ފެކްޝަނުން ރައީސް ޞާލިޙަށް ތާއީދު ކުރާއިރު، އަނެއް ފެކްޝަނަކީ އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!