ގަތަރުގައި މިހާރު ކުރިއަސްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާއަށް އަނިޔާ ވެއްޖެއެވެ.

ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ ހޯދުމަށް ސާބިއާގެ މިލެންކޮވިޗް ކުރި ޓެކުލްއާއި ގުޅިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ.

Ad
rt

ނޭމާ ބޭލުމަށް ފަހު ބެންޗްގައި އޭނާ އިން ވަގުތު ބްރެޒިލް ޓީމްގެ މެޑިކަލް ޓީމުން އޭނާއަށް ވަނީ ފަރުވާ ދީފައެވެ. ފަހުން ސޯސަލް މީޑީއާގައި އާންމު ވެފައިވާ ފޮޓޯތަކުން ވެސް ނޭމާގެ ކަނާތުފައިގެ ކުޑަހުޅު ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރު ފެނެއެވެ.

ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށް މިއަދު ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާއިރު، ބްރެޒިލް ޓީމްގެ ޑޮކްޓަރ ރޮޑްރިގޯ ލެސްމާ ބުނެފައި ވަނީ އަދި ނޭމާއަށް ލިބިފައިވާ އަނިޔާގެ ވާހަކަ ދައްކަން މާ އަވަސް ކަމަށެވެ.

ނޭމާ ކަނާތުފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗް ޓިޓޭ ބުނެފައި ވަނީ މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ނޭމާ ކުޅޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ނޭމާގެ ފައިގެ ކުޑަހުޅަށް އަނިޔާވެގެން ދަނޑުބޭރުގައި ފާއިތުވި އަހަރު ތަކުގައި ވެސް ގިނަ ދުވަސްތަކެއް އޭނާ ވަނީ ހޭދަކޮށްފައެވެ.

ރޭގެ މެޗުގައި ނޭމާއަށް ގިނަ ފައުލްތަކެއް ކުރިތަން ވަނީ ފެނިގެން ގޮސްފައެވެ. ޖުމްލަ ނުވަ ފައުލް ނޭމާއަށް ރޭގެ މެޗުގައި ކޮށްފައިވާއިރު، މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ފައުލް ކޮށްފައި ވަނީ ނޭމާއަށެވެ.

ގްރޫޕް ޖީގައި އޮތް ބްރެޒިލް އަންނަ ހޯމަ ދުވަހު ނުކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ. މި ގްރޫޕްގެ އެއްވަނާގައި މިވަގުތު ބްރެޒިލް އޮތްއިރު ދެވަނާގައި އޮތީ ސްވިޒަލޭންޑެވެ. ތިންވަނާގައި ކެމަރޫން އޮތްއިރު ފުލުގައި އޮތީ ސާބިއާއެވެ.