މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަށް އިންދައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފި އެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އުމުރުން 19 އަހަރުގެ ޒުވާނާ ބުނެފައިވަނީ ގަބުރުކޮނުނީ އޭނާގެ ކޮއްކޮއެއް މަރުވެފައިވުމުން ގަބުރުތައް ކޮނުމުން ކޮއްކޮގެ ގަބުރާއި ދިމާވާވެދާނެކަމަށް ގަބޫލުކުރެވުމުންކަމަށެވެ. އަދި މަހާނަ ކޮނަމުން ދިޔަ ވަރަކަށް ގޮތް ނޭނގޭ މީހަކު އޭނާކައިރު ހުއްޓާނުލައި މަހާނަ ކޮންނަމުން ދިޔުމަށް ބުނަމުން ދިޔަ ކަމަށް އެ މަޖިލީހުގައި އޭނާ ބުނިކަމަށް މައުލޫމާތު ލިބިއެވެ.

Ad
rt

އޭނާ ކޮންނަމުން ދިޔައީ ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި ހުރި މަހާނައެކެވެ. މަހާނަ ކޮންނަމުން ދިޔަ ވަގުތު އޭނާގެ ފައިން ވިދުވަރެއް އަރަމުން ދިޔަކަމަށްވެސް ކޯޓުގައި އޭނާ ބުނެފައިވެއެވެ. އަދި އޭނާ ގަބުރަސްތާނަށް ވަނީ ވެސް ބިރުން ހުރެކަމަށް އޭނާ ވަނީ ބުނެފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށް އެރޭ ފުލުހުން ބުނެފައިވާއިރު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔައިރުވެސް އޭނާ ހުރީ މަސްތުވުމަށް ބޭނުންކުރި އެއްޗެއްގެ އަސަރު މުޅިން ނުފިލާ ހާލަތެއްގައިކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.