މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ އާއްމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެ އިދާރާ އަށް ޖުމްލަ 927.61 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ޖަމާކޮށްފައިވަނީ 1.03 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ އޮކްޓޫބަރު މަހަށްވުރެ 10.1 އިންސައްތަ އިތުރު އަދަދެކެވެ. އެހެން ނަމަވެސް މިއީ މިއަހަރުގެ އޮކްޓޫބަރު މަހު މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 6.8 އިންސައްތަ އިތުރު އަދަދެކެވެ.
މީރާ އިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ ދަށަށް ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު ލޭންޑް އިކިއުޒިޝަން ފީ އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އަށް ވުމުން ކަމަށެވެ.
މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ އާމްދަނީ މައްޗަށް ދިޔައީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ނުވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ ސުންގަޑި ހަމަވުމަށް ފަހު ދެއްކުމުގެ ސަބަބުން ކަމަށް މީރާއިން ހާމަކުރެއެވެ.
މިދިޔަ މަހު މީރާ އަށް ޖަމާކުރި އާމްދަނީގެ ތެރޭގައި 35.4 މިލިއަން ޑޮލަރު ހިމެނެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މީރާ އަށް 14.08 ބިލިއަން ރުފިޔާ ދައްކާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!