ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.
އެ ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށް ވެސް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.
ހަމަމިއާއެކު ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީ ވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!