Lހުޅުމާލޭގެ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއް ކަނޑައަޅަން އެޗްޑީސީއިން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ޕްރައިވެޓް ބީޗެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ފަތުރުވެރިންނަށް ހާއްސަ ބީޗު ތަރައްގީ ކުރާނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗު ސަރަހައްދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ މިއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމަކަށް ވުމުން، އެފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް އެޗްޑީސީން ބުންޏެވެ.
ސަރުކާރުންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!