ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ގަޑިއަށް ހާޒިރު ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް 22 މެންބަރުން ހާޒިރުވެފައި ވަނީ ޖަލްސާ ފަށަން އޮތް ވަގުތު ފަހަނަހަޅައި ދިއުމަށް ފަހު ކަމަށެވެ. އަދި ރަނގަބީލު ޖެހުމަށް ފަހު ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އިންތިހާ އަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށާއި ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މެންބަރެއްގެ މުސާރައިގެ ގޮތުގައި 80،000 އަށް ވުރެ ގިނަ ރުފިޔާ ގެއަށް ގެންދަވާ ކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ މެންބަރުންނަކީ، ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލުކުރައްވާ ފަރާތްތައް ކަމަށާއި މަޖިލީހަށް ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، ޖަލްސާ ފެށޭއިރު ގިނަ ފަހަރަށް ހާޒިރުވަނީ 30 ނުވަތަ 25 އަކަށް މެންބަރުން ނެވެ. ބައެއް މެންބަރުން ސަލާމުގައި ތިއްބަވާއިރު، އަނެއްބައި މެންބަރުންނަކީ މަޖިލިހަށް އެއްވެސް ވަރަކަށް ހާޒިރެއް ނުވާ ފަރާތްތަކެވެ. ނުވަތަ ވަރަށް މަދުން ހާޒިރުވާ ފަރާތްތަކެވެ.
އިއްޔެ ވެސް ޖަލްސާ ފެށިއިރު ތިއްބެވީ 28 މެންބަރުން ނެވެ. އަދި އިއްޔެގެ ޖަލްސާގައި ވެސް ކޮމިޓީ ރިޕޯޓުތަކަށް ބަހުސްކުރައްވާނެ މެންބަރަކު ނެތުމުން، 50 މިނެޓު ފަހުން ޖަލްސާ ވަނީ މެދުކަނޑާލާފަ އެވެ.
މެންބަރުން ބަރާބަރަށް ހާޒިރުނުވާ މައްސަލައިގައި ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މިއީ އާންމުންގެ ފާޑުކިޔުން ވެސް ވަރަށްބޮޑަށް އަމާޒުވާ ކަމެކެވެ.
ހާއްސަކޮށް މަޖިލީހުގެ ހާޒިރީ ރިޕޯޓު ނެރޭއިރު، ހާޒިރީން ފުލަށް ދާ ފަރާތްތަކަށް ފާޑުކިޔުން އަމާޒުވަމުން ދިޔަނަމަވެސް އެފަދަ މެންބަރުން ގެންދަވަނީ އެކަން ތަކުރާރު ކުރައްވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!