ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ.
އެ އިދާރާއިން ވިދާޅުވީ މި ބަލި ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަކަމަށާއި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިން އެއްވެ، އުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވާ އެޗްޕީއޭ އިން ވަނީ މި ބަލިން ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފަ އެވެ.
މިއީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު، މިބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް ނުވަތަ ބޮޑުކަމުދާ ނަޖިހާއި ހަމުގެގައި ނަގާ ފޮޅުން ނިކުންނަ ދިޔަ އެހެން ކުއްޖެއްގެ ގައިގަ ޖެހުމުން ނެވެ.
އެންމެފުރަތަމަ ފެންނަ އަލާމާތްތަކަކީ ހުން އައުމާއި ކާހިތް ނުވުމާއި ވަރުބަލިވުމެވެ. އަދި ގައިގަ ރިއްސުމާއެކު ކަރުތެރެ ފާރުވުން ފަދަ ކަންކަން ކަމަކީ ވެސް މި ބަލީގެ އަލާމާތަކަށް ވެދާނެ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފަ އެވެ.
ހަމަމިއާއެކު ބަލި ޖެހިފައިވާ ކުދިން ގެންގުޅޭ ތުވާއްޔާއި ތައްޓާއި ކުޅޭ ތަކެތި ރަނގަޅަށް ދޮވެ، ސާފުކޮށްގެން ނޫނީ އެހެން ކުދިން ބޭނުން ނުކުރުމަށް ވެސް އެ އިދާރާ އިން ވަނީ އެދިލައްވާފަ އެވެ. އަދި ކުދިންގެ ސާފުތާހިރުކަމާއި އެކުދިން އުޅޭ މާހައުލުގެ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެޗްޕީއޭ އިން އެދިލައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!