އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ހދ.ކުޅުދުއްފުށި ސޭޑީކޯނަރ ޙަސީނާ ޙަސަން އަށް އެހީތެރިކަން ހޯދުމުގެ ގޮތުން ނެެއްލައިދޫ ކަނބަލުން އިސްނަގައިގެން ''ހެލްޕް ޙަސީނާ'' ގެ ނަމުގައި ހަރަކަތެއް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސައިފިއެވެ.

އެފަރަތުން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތް ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 ށް ނެއްލައިދޫ ކޮމިޔުނިޓީ ޕާކުގައެވެ.

Ad
rt

މި ހަރަކާތުގައި ތަފާތު ބާވަތްތަކުގެ ހެދިކާ، މަސްކާށި، މަޖާ ޓްރޭ،ކަޕް ކޭކު،ފުރުޓް ސްޓިކް ފަދަ ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދޭގޮތުގައި މި ހަރަކާތުގެ ތެރެއިން ތަފާތު ވައްތަރުގެ ކާއެއްޗިހި ބައްލަވާ ގަނެގެން ހަސީނާ އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.މީގެ އިތުރުން ފަންޑުފޮށިވެސް ބެހެއްޓިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

”އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ“ އަކީ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ލޭ އުފައްދައި ނުދެވެއެވެ.ހަސީނާ މިބައްޔަށް ފަރުވާ ހޯދަމުން ދާއިރު ހަސީނާގެ ބޭސް ފަރުވާގެ ހަރަދު އާސަންދައިން ހަމަޖެހުނަސް ހޮސްޕިޓަލްގައި ހުރުމަށާއި ކެއުމަށް ބޮޑެތި ޚަރަދު ތަކެއް ދެއެވެ.

އެހެން ކަމުން ތިޔަ އެންމެހާ ފަރާތުގެ ކިތަންމެ ކުޑަ އެހީއަކީވެސް އެއާއިލާއަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ އެހާމެ ދަރުމައާއި ސަވާބު ލިބޭނެ ހެޔޮ އަމަލެކެވެ.ހަސީނާ މިވަގުތު ބޭނުންވަނީ އެންމެންގެ ހެޔޮދުއާ އާއި އެހީތެރިކަމެވެ.