ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިރޭ ނެދަލެންޑްސްއާއި ސެނެގާލް ބައްދަލުކުރި މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މެޗު ނެދަލެންޑްސްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ސެނެގާލްގެ އިސްމާއިލާ ސާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކޮށްފައި ވަނީ ނެދަލެންޑްސްގެ ޑިފެންޑަރ ވެންޑައިކެވެ.
ނެދަލެންޑްސްއަށް ލިބުނު ދެ ކޯނަރެއްގައި ޑިފެންޑަރ ވެންޑައިކް ވަނީ ސެނަގާލްއަށް ނުރައްކާ ކޮށްފައެވެ. ބޯލުން ފޮނުވާލި އެއް ހަމަލާ ގޯލުގެ އަރިމަތިން ދިޔައިރު ދެވަނަ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ.
ސެނެގާލްގެ އިތުބާރު ފޯވާޑް ސަޑިއޯ މާނޭ ނެތްނަމަވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ނެދަލެންޑްސްގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ، މިގޮތުން އެ ޓީމްގެ ޑިއާ އާއި އިދްރީސާ ގަޔާ ފޮނުވާލި ހަމަލާތައް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނެދަލެންޑްސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ނެދަލެންޑްސްއިން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ގަކްޕޯ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޑިޔޮން ސެނަގާލްގެ އޭރިއާތެރެއަށް ޗިޕް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނެދަލެންޑްސްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ކްލާސަންއެވެ.
ގްރޫޕް އޭގައި މިހާތަނަށް ދެ މެޗު ވަނީ ކުޅެފައެވެ. މުބާރާތް ހުޅުވި މެޗުގައި މި ގްރޫޕްގެ ފުރަތަމަ މެޗުގައި އިކުއެޑޯއިން ވަނީ ގަތަރު ބަލިކޮށްފައެވެ. މިރޭ ނެދަލެންޑްސް މޮޅުވުމުން މި ގްރޫޕުން ނެދަލެންޑްސްއަށާއި އިކުއެޑޯއަށް ވަނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!