ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑުން ފަސޭހަކަމާއިއެކު އިރާން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

މިރޭ ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކޮށްފައި ވަނީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި އިންގްލެންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އިރާނަށް މެޗުގައި އިތުރު މައްސަލަ ކުރިމަތިވީ، މެޗުގެ ވަރަށް ކުރީކޮޅެ އެ ޓީމްގެ އެއް ނަމްބަރު ކީޕަރަ ބީރާންފާންދްއަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި އިންގްލެންޑްގެ ފޯވާޑް ހެރީ ކޭން އިރާންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައި ވަނީ އެ ޓީމްގެ ޑިފެންޑަރ މާޖިދް ހޮސައިނީގެ ބޮލުގައި އޭނާގެ މޫނު ޖެހި ނޭފަތަށް ލިބުނު އަނިޔާއަކާއި ގުޅިގެނނެވެ. ދަނޑުމަތީގައި ގިނަ އިރުތަކެއް ވަންދެން ކީޕަރަށް ފަރުވާދިނުމަށް ފަހު އޭނާއަށް ކުޅުން ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އިތުރަށް ކުޅުން ކުރިއަށް ނުގެންދެވި 17 ވަނ މިނެޓުގައި ވަނީ ބަދަލު ކޮށްފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އިންގްލެންޑުން ނެގި ކޯނަރަކުން އެ ޓީމްގެ ޑިފެންޑަރ މެގުއާ ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ އަމާޒުވީ އިރާންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އިންގްލެންޑުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 35 ވަނަ މިނެޓުގައެވެ. ލޫކާ ޝޯ އިރާންގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ބެލިންހަމްއެވެ. މި ގޯލާ އެކު 19 އަހަރުގެ ބެލިންހަމް ވެފައިވަނީ ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލު ޖެހި ދެ ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެންމެ ޒުވާން ކުޅުންތެރިއަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭރު އުމުރުން 18 އަހަރުގައި ލަނޑު ޖެހި މައިކަލް އޮވެންއެވެ.

އިންގްލެންޑްގެ ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ކާމިޔާބު ކޮށްދިން އިރު، ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސްޓާލިންއެވެ. މި މެޗަކީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ އިތުރު ވަގުތު ދިން މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސާދަ މިނެޓް އަދި ފަހު ހާފުގައި އިތުރު ވަގުތުގެ ގޮތުގައި ދިހަ މިނެޓް ވަނީ ދީފައެވެ.

އިންގްލެންޑުން މެޗުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަކާއެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.

އިރާންގެ ފުރަތަމަ ލަނޑު 65 ވަނަ މިނޓްގައި ކާމިޔާބު ކޮށްދީފައި ވަނީ މެހްދީ ޓަރެމީއެވެ. އިންގްލެންޑްގެ ފަސްވަނަ ލަނޑު 71 ވަނަ މިނެޓުގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަޝްފޯޑެވެ. އިންގްލެންޑްގެ ހަވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ގްރީލިޝްއެވެ.

އިރާނުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން މެހްދީއެވެ.