މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އަތުލައިގަތީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

ކޮމިޝަނާ ވިދާޅުވި ގޮތުގައި ޖަލަށް މަސްތުވާތަކެތި ވައްދާ ކަމުގެ ތުހުމަތަށް ހައްޔަރު ކުރި، ކަރެކްޝަންސްގެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކުގައި ކަމަށެވެ. މިހާރު އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޮފިސަރު މަސްތުވާތަކެތި ވައްދަން އުޅުނީ ކޮން ޖަލަކަށް ކަމެއްް އަދި ހައްޔަރު ކުރި އޮފިސަރުގެ މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ އަށް ނިސްބަތްވާ 23 އަހަރުގެ ޒުވާނެކެވެ. އޭނާ ކަރެެކްޝަންގެ ވަޒީފާގައި މަސައްކަތް ކުރާތާ 5 އަހަރު ފެވައިވެއެވެ.

އޭނާ ހައްޔަރުކުރި އިރު އަތުގައި ހުރި މަސްތުވާތަކެތި ހުރީ ޖަލައް ވެއްދުމަށް ތައްޔާރުކުރާހެން ވަރަށް ބޮޑަށް ބަންދުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގެ ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނުފަދަ އާލާތްތައް ވައްދައިގެން މީގެ ކުރިންވެސް އޮފިސަރުން ވަނީ ހައްޔަރުކޮށްފަ އެވެ. އެފަރާތްތަކަށް ފިޔަވަޅުއަޅާފައިވާކަންވެސް ފާހަގަކުރެވެއެވެ.