ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބު އަވާހާރަ ވެއްޖެއެވެ.
ހަބީބާއަކީ ރާއްޖޭގައި ދެފަހަރެއްގެމަތިން 32 އަހަރަށްވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަބީބާ ހުސައިން ހަބީބު އަވަހާރަވީ އުމުރުފުޅުން 92 ގައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ ގިނަ ދުސްތަކެއް ވީފަހުންނެވެ.
އޭނާ އަކީ ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތުގައި އެންމެ ގިނަދުވަހު މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުހާނާގައެވެ. އެތަނުގައި 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ.
މީގެ އިތުރުން ހަބީބާ ވަނީ ދިވެހި އަދަބިއްޔާތަށާއި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. މިގޮތުން 1954 ވަނަ އަހަރުގެ ތެރޭގައި ލިޔުންތެރިކަމުގެ ދާއިރާއަށް ވަންނަވައި، ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފައިވެއެވެ.
ހަބީބާ ފުރަތަމަ ލިޔުއްވީ މުންނާރު ނޫހަށެވެ. އޭގެ ފަހުން އަދަބީ ޝުއޫރު، ފަތްތޫރަ، ވިޔަފާރި މިއަދު، ޖިންސުއްލަތީފް، ހުވަނދު، މޫންލައިޓް، އަމާޒު އަދި ހިޔަލަ ފަދަ މަޖައްލާތަކަށް ލިޔުއްވައިފައިވެއެވެ.
ހަބީބާ ވަނީ އުރުދޫ ބަހުންނާއި، އިނގިރޭސިބަހުން ހުރި ގިނަ ފޮތްތަކެއް ދިވެހިބަހަށް ތަރުޖަމާ ކުރައްވައިފައެވެ. އޭގެ ތެރޭގައި އިސްލާމީ ތާރީޚު 1 އާއި، އިސްލާމީ ތާރީޚު 2 އަދި ތަގްދީރުގެ ނިޔާ ފަދަ ފޮތްތައް ހިމެނެއެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީހު ފޮތެއް އެކުލަވައިލައްވައިފައިވެއެވެ. މީގެ އިތުރުން ''ވާހަކަ ލިޔުމުގެ ފަންނު''، ''ގުޑި''، ''ޚިޔާލުގެ ބާނީތައް'' ފަދަ ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ.
ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާ ހުސައިން ހަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމާއި، ނޫސްވެރިކަމުގެ ރަން ގަލަންވެސް ހަބީބާއަށް ވަނީ ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!