ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އަންހެން މީހާ ލައްވައި ފިރިހެނުން ޚަރަދު ކުރުވާ މައްސަލަ އަބަދުވެސް ބޮޑެވެ. ދެ މީހުން ރުޅިވުމަށްފަހު އަންހެން މީހާ ކޯޓަށް ދިއުމުން އެ ފައިސާ އަނބުރާ ދައްކަން ކޯޓުތަކުން ކުރިން ހުކުމް ކޮށްފައިވެ އެވެ.
މިފަދަ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ފިރިހެނަކު އަންހެނަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. އދ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ސިވިލް ކޯޓުގައި ދައުވާކުރީ އޭނާގެ ކުރީގެ އަނބިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު ކުރި ޚަރަދުތައް އަނބުރާ ހޯދުމަށެވެ.
ފިރިހެން މީހާ ކޯޓުގައި އެދިފައިވަނީ އަންހެން މީހާއަށް ގަނެދިން ކޭކާއި މާ ބޮނޑި އާއި މޭކަޕް ސާމާނާއި އަންނައުނާއި ޖިމްގެ ފީ އާއި ޕެޑް ފަދަ ޒަރޫރީ ސާމާނަށް ކުރި ޚަރަދުތައް ހޯދުމަށެވެ. އަދި އެކިފަހަރު މަތިން ފޮނުވި ފައިސާ އާއި ގާނޫނީ ޚަރަދާ އެކު 34،000ރ. ހޯދަން ކޯޓުގައި އެދުނެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމީ ގަނެދީފައިވާ ތަކެއްޗަށް ބަލާއިރު ކޭކާއި މާބޮނޑި ފަދަ ތަކެއްޗަކީ އާންމު އުސޫލުން މީހުން ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ކަމަށާއި އަދި ފައިސާގެ ގޮތުގައި އެންމެ ގިނައިން ދީފައި ހުރީ ވެސް 2،500ރ. ކަމަށެވެ.
އެހެންވުމުން އެއީ ދަރަންޏަކަށް ވުރެ ބޮޑަށް، ހަދިޔާގެ ގޮތުގައި ދީފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އިތުރު ހެއްކެއް ނެތީސް، އެއީ ދަރަންޏެއް ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެ އެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން ފިރިހެން މީހާގެ ދައުވާގައި އެއްވެސް އަސާސެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!