މިރޭ ފަށާ ގަތަރު ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ވޯލްޑް ކަޕް ފެށުމުގެ މުނާސަބާގައި ރައީސް ޞާލިޙްގެ ތަހުނިޔާ ގަތަރުގެ އަމީރަށް ފޮނުއްވީ، ގަތަރުގެ އަމީރަށް ފޮނުއްވި ސިޓީ ފުޅެއްގައެވެ.
މި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ގައުމުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތައް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ޤައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ޤަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ވޯލްޑް ކަޕް މިރޭ ގަތަރުގައި ފަށާއިރު، އެ ގައުމުން ދަނީ އިސްލާމީ ޝިއާރު ފުޅާކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުޅިވަރުކުޅޭ މައިދާން ތަކުގައި ބަނގުރާއާއި ބިޔަރު ފަދަ ތަކެތި ވިއްކުން ވެސް ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން އެ ސްޓޭޑިއަމްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މިރޭ ފަށާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ކުޅޭނީ ގަތަރާއި، އިކުއެޑޯ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!