ބޭސްފަރުވާއަށް، މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ހާމަކުރެއްވި ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އެކުޖުމްލަ 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބޭސްފަރުވާއަށް ހަރަދުކޮށްފަ އެވެ. އަދި އެ ފަންޑުން ބޭސްފަރުވާއަށް އެންމެގިނައިން ހަރަދުކޮށްފައި ވަނީ ވެސް މިއަހަރު އެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި 2019 ވަނަ އަހަރު 15.8 މިލިޔަން ރުފިޔާ، 2020 ވަނަ އަހަރު 6.2 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު 11.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހައިތަނަށް 16.4 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ހަރަދުކޮށްފައިވާ ކަމަށް ވެސް ދައްކަ އެވެ.

ބޭސްފަރުވާގެ ކަންކަމަށް ޒަކާތު ފަންޑުން ފައިސާ ދޫކުރާ ކަންކަމުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމާއި ލޮލުގެ ބައްޔަށާއި ހިތުގެ ބަލިތަކަށް ފަރުވާކުރުން ހިމެނެ އެވެ. އަދި ކިޑްނީ ބައްޔަށާއި ހޮސްޕިޓަލުގެ ބިލްތައް ދެއްކުމަށާއި ޓްރާންސްޕްލާންޓް ހެދުންފަދަ ކަންކަމަށް ވެސް އެ ފަންޑުން ފައިސާ ދެއެވެ.

މީގެ އިތުރުން މުޖުތަމަޢުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމާއި ކިޔަވައިދިނުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި ބައެއް މިސްކިތްތައް އާބާތުރަ ފިލުވުމަށާއި ރައްޔިތުންނާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ވެސް އެހީ ދެއެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަގީރުންނަށް ބެހުމަށްފަހު، ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ހަރަދު ކުރަނީ ވަކި އުސޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިން ނެވެ.