ފްރާންސްގެ ހުނަރުވެރި ފޯވާޑް އަދި ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް އަނިޔާވެ މިރޭ ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ.

މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑް އަދި ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި، ބެންޒެމާއަށް އަނިޔާވެފައިވާކަން ފްރާންސްގެ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައިއެވެ.

Ad
rt

ފްރާންސްގެ ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ބެންޒެމާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި، އެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތިން ހަފްތާ ނަގާނެކަމަށް އެމްއާރްއައި ރިޕޯޓަށް ރިއާޔަތްކޮށް ފްރާންސްގެ ގައުމީ ޓީމުން ބުނެފައިވެއެވެ. އެހެންވެ މިފަހަރު ވޯލްޑް ކަޕުން އޭނާ އަށް ވަނީ ފުރުޞަޠު ގެއްލިފައެވެ.

ފްރާންސްގެ ގައުމީ ޓީމުން ވަނީ ބެންޒެމާއަށް ނުކުޅެވޭ ގޮތްވުމަކީ، އޭނާގެ އިތުރުން މުޅި ޓީމަށްވެސް ލިބުނު ބޮޑު ދެރެއެއް ކަމަށް ބުނެފައިއެވެ. އަދި އެޓީމުން ވަނީ ބެންޒެމާއަށް އަވަސް ޝިފާއަކަށް އެދޭކަމަށް ވެސް ބުނެފައެވެ.

ބެންޒެމާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ވިދުން ގަދަ އެއް ތަރިއަށް ވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކުޅަދާނަ ފޯވަޑެކެވެ. އޭނާވަނީ އެންމެ ފަހުން ކުޅުނު ޔުއެފާ ނޭޝަންސް ލީގު ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިއީ އޭނާގެ ކުޅުން ދެކިލަން ކެތް މަދުވެފައިވާ ސަޕޯޓަރުންނަށް ލިބުނު ހިތް ދަތިކަމެކެވެ. ބެންޒެމާ ވެސް ވަނީ އޭނާގެ އިހްސާސްތައް މީސްމީޑިއާއަށް ދޫކޮށްލާފައެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ ހަޔާތުގެ އެއްވެސް ކަމެއްގައި އުންމީދު ދޫކޮށްލާ މީހެއް ނޫނެވެ. ނަމަވެސް ޓީމަށް ވިސްނައި މި ފަހަރު ފަހަތަށް ޖެހެން މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޓީމަށް ފައިދާ ވާނީ އިތުރު ކުޅުންތެރިޔަކު ސްކޮޑަށް ނެގުމުން ކަމަށާއި އެކަމަށް ފުރުސަތުދީ ފްރާންސަށް އެންމެ ހެޔޮ އެދޭ މީހާގެ ގޮތުގައި މި ފަހަރު ވޯލްޑް ކަޕް ބަލާނީ ދަނޑު ބޭރުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުން ގޮތުގައި އޮތް ފްރާންސަށް މިފަހަރުގެ ވޯލްޑް ކަޕްގައި އަނިޔާގެ ބޮޑެތި މައްސަލަތަކެއް ވަނީ ދިމާވެފައެވެ. މިގޮތުން ފްރާންސްގެ ޤައުމީ ޓީމު ކޭމްޕް ކުރި ފަހުން ބެންޒެމާގެ އިތުރުން ޖަރުމަނުގެ ލައިޕްޒިގްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންއައި ކްރިސްޓޮފާ އެންކުންކޫ ވެސް ވަނީ އަނިޔާވެ ޓީމުން ފުރުޞަތު ގެއްލިފައެވެ.

މުބާރާތަށް ސްކޮޑް އެކުލަވާލި އިރުވެސް ފްރާންސަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މިޑްފީލްޑަރ ޕޮގްބާ، ކަންޓޭ އަދި ޑިފެންޑަރ ކިމްޕެމްބޭ ވެސް ޓީމަށް ނުނެގީ އަނިޔާގެ ސަބަބުންނެވެ. އަދި ޑިފެންޑަރ ވަރާނޭ ޓީމުގައި ހިމެނި ނަމަވެސް އޭނާ އަދި ވެސް އެއްކޮށް ފިޓްވެފައި ނުވެއެވެ.