ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ދިވެހިރާއްޖޭގެ ބާ އިމްތިޙާނު މިއަދު ބާއްވައިފިއެވެ.
މިއީ މި އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ބާ ކައުންސިލުން ވިދާޅުވިގޮތުގައި މިއަދު ބޭއްވި ބާ އިމްތިހާނު 176 މީހަކު ވަނީ ހަދާފައެވެ. މި އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށެވެ.
މި އަހަރުގެ ބާ އިމްތިޙާނުގެ ސުވާލުތައް ދީފައި ވަނީ، ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ، ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ޓޯޓް ލޯ، ލޭންޑް/ ޕްރޮޕަރޓީ ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމް އިންނެވެ. މި އަހަރުގެ ސިލަބަހުގައި ހިމެނޭ ދާއިރާތަކުން އިހުތިޔާރީ ޖަވާބުތަކާ އެކު ދިވެހި ބަހާއި އިނގިރޭސި ބަހުން 120 ސުވާލެއް ހިމަނާފައިވެއެވެ.
ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާންގެ ފީ އެއް ކަމުގައި 10،000 ރުފިޔާ ކަނޑައަޅާފައިވީނަމަވެސް، އަލަށް އިންތިޚާބުވި އެގްޒެކެޓިވް ކޮމެޓީން ވަނީ އެ ޢަދަދު 6،500 ރުފިޔާ އަށް ކުޑަކޮށްފައެވެ.
ނިމުނު ދައުރުގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިމްތިޙާން ބޭއްވުމަށް ކުރިން ނިންމީ މިއަހަރުގެ ޖޫން 25 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ބާ ކައުންސިލުގެ އާ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުވުމާ ހަމައަށް މި އިމްތިޙާނު ބޭއްވިފައެއް ނުވެއެވެ.
ފުރަތަމަ ބާ އިމްތިޙާނު މިއަދު ބާއްވާފައިވާއިރު، ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނަ ކައުންސިލެވެ. އެ ކައުންސިލު އުފެދިފައި ވަނީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!