ކުޅުދުއްފުށި ސިޓީގައި މިއަހަރު ބާއްވާ ހިޔަލަ އެކްސްޕޯ މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި އެކްސްޕޯގައި ހދ. އަތޮޅުގެ 5 ރަށަކުން ބައިވެެރިވެފައިވާކަމަށް މަޢުލޫމާތު ލިބެ އެވެ. ކުޅުދުއްފުށި ސިޓީ، ހަނިމާދޫ، ނޮޅިވަރަންފަރު، ކުރިނބީ އަދި ނެއްލައިދޫ ކަނބަލުންގެ ތަފާތު އުފެއްދުންތައް ބައްލަވައިގަތުމަށް ފުރުޞަތު ލިބިގެން ދާނެ އެވެ.
މިއީ، ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ ކަނބަލުންގެ ޚާއްސަ މައުރަޒެކެވެ.
މި އެކްސްޕޯގައި އެސްޑީއެފްސީ، އޯތެންޓިކް މޯލްޑިވްސް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓްގެ ފަރާތުން ވިޔަފާރިވެރިންނަށް ބޭނުންވާ ގިނަގުނަ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަފީފުއްދީން ސުކޫލް ހޯލުގައި ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 އިން ހަވީރު 06:00 އަށެވެ.
މި އެކްސްޕޯގެ މަޤްޞަދަކީ، ހދ އަތޮގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނާއި ގެވެށި މަސައްކަތްތެރީން ބާރުވެރި ކުރުވައި ވިޔާފާރި މާކެޓްކުރުމުގެ ފުރުސަތެއް ހޯދައިދިނުމެވެ. އަދި ހދ އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެއް ތަނަކުން ބައްދަލުވެ މުއާމަލާތް ކުރެވޭނެ މަގުފަހި ކޮށްދިނުމެވެ.
މީގެ އިތުރުން ގެވެށި މަސައްކަތްތެރީންނާއި އަންހެން ވިޔަފާރިވެރީންނަށް ވިޔަފާރިއާ ގުޅުންހުރި ތަފާތު ހުނަރުތައް ތަރައްޤީކުރުމަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މައުރަޒަށް ހުށަހެޅޭ ތަކެތީގެ ތެރެއިން ފުޅާ ދާއިރާއެއްގައި އުފައްދާ މާކެޓް ކުރެވޭނެ ތަކެތި ދެނެގަނެ އެފަދަ އުފެއްދުންތަކަށް އޯތެންޓިކް މޯލްޑިވްސް ފަދަ މަންސަތަކުގައި ކުރިއަށް ދެވޭނެ މަގު ދައްކައިދިނުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!