ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ހަތަރު އަހަރުގައި އިނގުރައިދޫ ދާއިރާއަށް ލިބުނު ތަރައްގީ އޭގެ ކުރީ ހުރިހާ އަހަރަކާ ނުބައްދަލު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

އިއްޔެ އަކީ ރައީސް ޞާލިޙްގެ ސަރުކާރަށް 4 އަހަރު ފުރުނު ދުވަހެވެ. ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ފާއިތުވި 4 އަހަރު ސިފަ ކުރަމުން ދަނީ ''ހަމަހަމަ 4 އަހަރު''ގެ ގޮތުގައިއެވެ.

Ad
rt

ރައީސް ޞާލިޙްގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅުވައިގެން ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ޝުއޫރު ފާޅުކުރަމުންދާއިރު، ހަސަންޓޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞޯލިޙްގެ ޒަޢާމަތުން ފާއިތުވި 4 އަހަރު ހަމައެކަނި އިނގުރައިދޫ ދާއިރާގެ 5 ރަށަށް ލިބުނު ކުރިއެރުމާ ތަރައްގީ ފާއިތުވި ހުރިހާ އަހަރަކާ ނުބައްދަލު ކަމަށެވެ.

''ރައީސް ޞޯލިޙްގެ ޒަޢާމަތުން ފާއިތުވި 4 އަހަރު ހަމައެކަނި އިނގުރައިދޫ ދާއިރާގެ 5 ރަށަށް ލިބުނު ކުރިއެރުމާ ތަރައްގީ ފާއިތުވި ހުރިހާ އަހަރަކާ ނުބައްދަލު. ‏މިއީ ސިޔާސަތުތަކާ އެކު ވެރިކަމަށް އައިސް އޯގާތެރި ސަރުކާރަކުން ޑެލިވަރ ކުރާ އެމްޑީޕީ ފަލްސަފާ'' ހަސަންޓޭ ވިދާޅުވެފައި ވެއެވެ.

ރައީސް ޞާލިޙްގެ ސަރުކާރަށް 4 އަހަރު ފުރި 5 ވަނަ އަހަރު ގުނަން ފެށުނުއިރު އެ 4 އަހަރުގެ ތެރޭގައި މިގަރުނުގައި ދުނިޔެދުއް އެންމެ ބޮޑު އާލަމީ ވަބާ، ކޯވިޑް-19 އާއި ވަނީ ކުރިމަތިވެފައިއެވެ. ނަމަވެސް އެ ދަތިކަމުގެ ތެރެއިން ދުނިޔޭގެ ބައެއް ޤައުމުތައް ތަޖުރިބާ ކުރަންޖެހުނު މިންވަރަށް ދަތިކަން ދިވެހިން ތަހައްމަލު ކުރަންނުޖެހި ސަލާމަތުގެ އައްސޭރިއަކަށް އާދެވުނީ ސަރުކާރުގެ ސިޔާސަތުތަކާއި، އެޅި ފިޔަވަޅުތަކުންކަން ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ވޭތުވި ހަތަރު އަހަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެކި އަތޮޅުތަކުގެ އެކި ރަށްތަކުގައި މުހިންމު މަސައްކަތްތަކެއް ކުރެވި، ސިޔާސީ ހަމަޖެހުމާއެކު އިޖުތިމާއީ ހެޔޮ ބަދަލުތަކަށް މިސްރާބުހިފާފައިވާ ހަތަރު އަހަރުގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.