ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާއިރު، މުބާރާތުގައި ވާދަކުރާ 32 ޓީމް މިހާރު ތިބީ ގަތަރުގައެވެ. ކޮންމެ ޤައުމެއް ވެސް ބޮޑެތި އުންމީދުތަކާއިއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤަތަރަށް ގޮސްފައިވަނީ އެތައް ގޮތަކަށް ބެލުމަށް ފަހު އެ ޤައުމަކަށް ނިސްބަތްވާ އެންމެ މޮޅު 26 ކުޅުންތެރިން ގޮވައިގެންނެވެ.

ސުވާލަކީ ޤައުމީ ޓީމްތަކުގައި ހިމެނިގެން މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ގިނައިން ގޮސްފައިވަނީ ކޮން ކުލަބަކަށް ނިސްބަތްވާ ކުޅުންތެރިންނެއް ހެއްޔެވެ؟

Ad
rt
  • ބަޔާން މިއުނިކް

މި ލިސްޓުގެ އެއްވަނާގައި އޮތީ ޖަރުމަނު ބުންޑަސް ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ. ބަޔާން މިއުނިކަކީ ޖަރުމަނު ލީގުގައި ކާމިޔާބީގެ ގޮތުން ބެލިޔަސް އަދި ފައިސާގެ ގޮތުން ބެލިނަމަވެސް އެންމެ ވަރުގަދަ ކުލަބެވެ. އިންޓަނޭޝަނަލް މުބާރާތްތަކަށް ޖަރުމަނުން އެކުލަވާލާ ޓީމު އަބަދުވެސް ޑޮމިނޭޓް ކުރަމުން އަންނަނީ ބަޔާން މިއުނިކްގެ ކުޅުންތެރިންނެވެ. ބާޔާނަށް ނިސްބަތްވާ ޖުމަލް 17 ކުޅުންތެރިއަކު މިފަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް ވަނީ ގަތަރަށް ގޮސްފައިވެއެވެ.

  • މެންޗެސްޓާ ސިޓީ، ބާސެލޯނާ

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއި، ސްޕެނިޝް ލަލީގާގެ ބާސެލޯނާ އޮތީ ލިސްޓްގެ ދެވަނާގައެވެ. މި ކޮންމެ ކުލަބަކުން 16 ކުޅުންތެރިން ވަނީ ގައުމީ ޓީމްގައި ހިމެނިގެން ވޯލްޑް ކަޕަށް ގޮސްފައެވެ. ފާއިތުވި ފަނަރަވަރަކަށް އަހަރުގެ ތެރޭ ސްޕެއިނުން ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އެ ކާމިޔާބީތައް ހޯދި ސްޕެއިން ޓީމްގައި ގިނަ އަދަދަކަށް ބާސެލޯނާގެ ކުޅުންތެރިން ވަނީ ހިމެނިފައެވެ. މިފަހަރު ސްޕެއިން އެކުލަވާލި ޓީމް ވެސް ޑޮމިނޭޓް ކުރަނީ ބާސާއަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

  • އަލް- ސާދް ސްޕޯޓްސް ކުލަބް

މި ލިސްޓްގެ ތިންވަނާގައި އޮތީ ވޯލްޑް ކަޕް ބާއްވާ ގަތަރު ލީގުގައި އެންމެ ކާމިޔާބު ޓީމް ކަމުގައިވާ އަލް-ސާދް ސްޕޯޓްސް ކުލަބެވެ. އަލް-ސާދަށް ނިސްބަތްވާ 15 ކުޅުންތެރިއަކު ވޯލްޑް ކަޕުން ފެނިގެންދާނެއެވެ. ގަތަރު ޓީމްގައި ގިނައިން ހިމެނެނީ އަލް ސާދްގެ ކުޅުންތެރިންނެވެ.

  • މެންޗެސްޓާ ޔުނައިޓެޑް

ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކުލަބް ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑަށް ލިބެނީ މި ލިސްޓުގެ ހަތަރުވަނައެވެ. އެ ޓީމަށް ނިސްބަތްވާ ޖުމަލް 14 ކުޅުންތެރިއަކު މިފަހަރު ވޯލްޑް ކަޕަށް ގޮސްފައިވެއެވެ.

  • ރެއާލް މެޑްރިޑް

ސްޕެއިންގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ރެއާލް މެޑްރިޑް ލިސްޓްގެ ފަސްވަނާގައި އޮތްއިރު އެ ޓީމުގެ 13 ކުޅުންތެރިއަކު ވަނީ ޤައުމީ ޓީމާއިއެކު ގަތަރަށް ގޮސްފައެވެ.

ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގައި ޖުމްލަ 831 ކުޅުންތެރިން ހިމެނެއެވެ. އޭގެތެރޭގައި ހިމެނޭ 608 ކުޅުންތެރިން ޔޫރަޕުގެ ލީގުތަކަށް ނިސްބަތްވާއިރު، އޭސިއާގެ ލީގުތަކުގައި ކުޅޭ 112 ކުޅުންތެރިއަކު ހިމެނެއެވެ. އުތުރު އެމެރިކާގެ ލީގުތަކުގައި ކުޅޭ 76 ކުޅުންތެރިން ހިމެނޭއިރު ދެކުނު އެމެރިކާގެ ލީގުތަކުގައި ކުޅޭ 18 ކުޅުންތެރިން ހިމެނެއެވެ. އެފްރިކާގެ ލީގުތަކުގައި ކުޅޭ 17 ކުޅުންތެރިން ހިމެނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނައިން ފެނިގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިންނެވެ. މިގޮތުން ޕްރިމިއާ ލީގުގައި ކުޅޭ 158 ކުޅުންތެރިން މުބާރާތަށް ގޮސްފައިވާއިރު، ދެވަނާގައި އޮތީ ސްޕެނިޝް ލީގެވެ. ލަލީގާގެ 86 ކުޅުންތެރިއަކު މިފަހަރު ވޯލްޑް ކަޕުން ފެނިގެންދާނެއެވެ. މީގެ އިތުރުން ޖަރުމަނު ލީގުގެ 81 ކުޅުންތެރިން، އިޓަލީ ލީގުގެ 71 ކުޅުންތެރިން، ފްރާންސް ލީގުގެ 58 ކުޅުންތެރިން މިފަހަރު ވޯލްޑް ކަޕުން ފެނިގެންދާނެއެވެ.