ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފިއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

Ad
rt

ސީޕީ ވިދާޅުވެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި މިތަކެތި އަތުލާފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުންނެވެ.

މި އޮޕަރޭޝަންގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 13.56 ކިލޯ ހުރިކަމަށް ސީޕީ ވިދާޅުވެފައިވެއެވެ. އަދި އެއާއެކު ކުށުގެވެށިން ހޯދި ފައިސާގއ ޢަދަދު 6،44،020 ރުފިޔާއަށް އަރާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްދާނެކަމަށް ސީޕީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެއް ދެކޮޅަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ އެކި ނެޓްވޯކްތަކުގެ ސްޓޮކްތައް އަތުލައި، އެތަކެތި ދައުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

މިގޮތުން ދާދިފަހުން ވެސް ވަނީ ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 13 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ. އަދި ނޮވެމްބަރު 2 ވަނަ ދުވަހު ވަނީ ހޯޑެއްދޫ ކައިރި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި 69 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އެހެންކަމުން މި އޮޕަރޭޝަންގައި 82 ކިލޯ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.