ކަކުލަށް ލިބިފައިވާ އަނިޔާއިން މުޅިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހުމާއިއެކު މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަން ޔަޤީންވެއްޖެއެވެ.
އުމުރުން 30 އަހަރުގެ މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި ދަނޑުމަތީ ފަރުވާދިނުމަށް ފަހު އިތުރަށް އޭނާއަށް ކުޅުން ކުރިއަށް ނުގެންދެވުމުން މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.
އަނިޔާގައި ހުރި ނަމަވެސް ވޯލްޑް ކަޕަށް ސެނެގާލުން އެކުލަވާލި ޓީމުން މާނޭއަށް ފުރުޞަތު ދީފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ މުބާރާތުގެ ކޮނެމެވެސް ހިސާބެއްގައި ބޭނުން ކުރެވިދާނެ ކަމަށް މެޑިކަލް ޓީމުން އޭރު ލަފާދިނުމާއި ގުޅިގެންނެވެ.
މާނޭގެ އަނިޔާއާއި ގުޅިގެން ސެނެގާލް ފުޓްބޯޅަ ފެޑްރޭޝަންގެ ކުރިން ބުނެފައިވަނީ އަނިޔާގައި ހުރި މާނޭއަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.
ނަމަވެސް ބްރާސްފަތި ދުވަހު ހެދި އެމްއާރުއައި ނަތީޖާއިން މާނޭއަށް ލިބިފައިވާ އަނިޔާއިން މުޅިން ސަލާމަތްވުމަށް އޮޕާރޭޝަން ކުރަންޖެހޭކަން ބަޔާން މިއުނިކްގެ މެޑިކަލް ޓީމުން ވަނީ ޔަޤީންކޮށްދީފައެވެ.
ދެފަހަރު އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަޤާމް ހޯދާފައިވާ މާނޭއަކީ ސެނެގާލް ޓީމުގެ ވެސް އެންމެ މުހިންމު ކުޅުންތެރިއާއެވެ. މި އަހަރު ކުރީކޮޅު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތް މުޅިން އަލަށް ސެނެގާލުން ކާމިޔާބު ކޮށްފައިވާއިރު އެ ކާމިޔާބީގައި ވެސް މާނޭގެ ދައުރު ބޮޑެވެ. މާނޭ ވަނީ ސެނެގާލްއަށް ކުޅެދިން 93 މެޗުގައި 34 ލަނޑު ޖަހާފައެވެ. އޭނާއަކީ މިހާތަނަށް ސެނެގާލް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނޭ ސެނެގާލް ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ނެދަލެންޑްސްއާއި ދެކޮޅަށެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގަތަރާއި އިކުއެޑޯއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!