އެއީ މީގެ 48 އަހަރު ކުރިއެވެ. 1974 ވަނައަހަރެވެ. ހދ. ވައިކަރަދޫއަށް އުފަން، ނޫރާނީގެ، ޢަބްދުالله ސައީދު ހުސައިން ވީނުވީއެއް ނޭނގި، ގެއްލުނުއިރު އުމުރަކީ 20 އަހަރެވެ.

ޢަބްދުالله ސައީދު ބައްޕަ އަކީ ވައިކަރަދޫ ނައިބު ދޮން ހުސައިން އެވެ. މަންމަ އަކީ އެރަށު ފާތުމަތު އަހްމަދެވެ. މިއީ ކުޑަބެ ގެއްލުނު ވާހަކަ އަޅުގަނޑަށް އިވިފައިވާގޮތަށް ބިނާކޮށް ލިއެފައިވާ ލިއުމެކެވެ.

Ad
rt

އަޅުގަނޑާއި އެއްބަފާ ކުޑަބެ އަށް، އެ ދުވަހުގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ ރޭގަނޑު 7 ޖެހި އިރު އެވެ. ގެއަށްވަދެ އަވަސް އަވަހަށް ފެންވަރައިގެން ނިކުން ތަނާ ފަހަރި ސޮފިއްޔާ ގޮވާލާފައި ބުންޏެވެ. "ސައީދު ހޯދަން ބަޔަކު އަތުވެއްޖެ" އެވެ.

އެހެން ބުނުމުން ކުޑަގޮތަކަށް ތައްޔާރުވެލައިގެން އެމީހުންނާއި ބައްދަލުކުރަން ގެއިން ބޭރަށް ކުޑަބެ ނުކުމެއްޖެ އެވެ. މިއީ ކުޑަބެގެ އާއި އާއިލާގެ މީހުންނާއި ބައްދަލުވި އެންމެ ފަހުގެ ފަހަރެވެ.

އެދުވަސްވަރު، މި ފުރަ މާލޭގައި މީހަކު ގެއްލިގެން ނުފެނި މިހާދުވަސްވުމަކީ ވަރަށްބޮޑު ކަމެކެވެ. ގިނަބައެއްގެ ކަންބޮޑުވުން ހާމަކުރާ ކަމެކެވެ.

ކުޑަބެ ގެއްލުމުގެ ސަބަބުން އާއިލާއަށް ލިބުނު ހިތްދަތިކަމާއި އުފުލަންޖެހުނު ތަކުލީފުތަކަކީ ކޮޅުންނުލާހައި ދިގު އިންތިޒާރެކެވެ. އަދިވެސް އާއިލާގެ މީހުން ތިބީ اللهގެ ރަހުމަތުން ކުޑަބެ ސަލާމަތުން ފެނިދާނެ ކަމުގެ އުންމީދުގަ އެވެ.

މިޒުވާނާ ގެއްލޭން ދިމާވި އެއްވެސް ސަބަބެއް އާއިލާއަކަށް ވެސް، ރައްޓެހި ރަހްމަތްތެރިންނަށް ވެސް އަދި އޭރުގެ ސަރުކާރަށް ވެސް ހޯދުނުކަމަކަށްނުވި އެވެ. މިއަދާއި ހަމައަށް ވެސް އެކަން އޮތީ އެގޮތުގަ އެވެ. ޖަވާބު ނުލިބޭ ސިއްރެއްގެ ގޮތުގަ އެވެ.

މިއީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ރައީސްކަމުގައި ހިނގި ހިތާމަވެރި ހާދިސާ އެކެވެ. ކުޑަބެ، ސައީދު ގެއްލުނުކަން އާއިލާއަށް އެނގުނީ ދިރިހަނޑޫގެއިން ނުކުމެގެން ދިޔަތާ ދެ ދުވަސް ފަހުންނެވެ.

އެއީ ކުޑަބެ، ނިދާ ކައިބޮއި ހަދަނީ ވަޒީފާ އަދާކުރާ ހޮޓަލުގައި ކަމަށްވާތީ އެވެ. އޭރުގެ ކަންތައް އޮންނަގޮތުން ރާއްޖެތެރޭގެ މީހުން މާލޭގައި ވަޒީފާ އަދާކުރުމަށް މާލެއަށް ފޭބުމުގެ ރަޖިސްޓްރީ ކުރާން ޖެހޭތީވެ، ކުޑަބެ މާލެ ފޭބުމުގެ ރަޖިސްޓްރީ ކޮށްފައިވަނީ މާފަންނު ދިރިހަނޑޫގެ އަށެވެ.

އެއީ ކުޑަބެގެ ފަހަރިއެއްގެ ގެއެކެވެ. އަބްދުދުލްހަކީމަކީ ކުޑަބެއާއި އެއްބަޑު އެއްބަފާ މީހެކެވެ. އަބްދުލްހަކީމު ކައިވެނިކޮށްގެން އުޅެނީ މާފަންނު ދިރިހަނޑޫގޭ ސޮފިއްޔާ އާ އެވެ. އެގެއަށް އަންނަނީ ފެންވަރާލުމަށް އެކަންޏެވެ.

އެގޮތުން އެރޭވެސް އައީ އެކަމުގަ އެވެ. އެހެންވެ، ފެންވަރައިލައިގެން ދިއުމުން މާ ބޮޑުކަމަކަށް ނަހަދަ އެވެ. އެކަމަކު އޭގެފަހުން ދެ ދުވަސްވީއިރު ވެސް ގެއަށް ފެންވަރާން ނައުމުން ކަންބޮޑުވި އެވެ. އެހެންވެ، ޖެހިގެން އައި ދުވަހު ހޯދާން ފެށީ އެވެ. ކަމާއި ގުޅުން ހުރި ހުރިހައި ފަރާތަކަށް ޚަބަރުކޮށް މުޅި މާލެތެރެ ސިފައިންނާއި ގުޅިގެން ބަލައި ހޯދުނެވެ. ނަމަވެސް ކުޑަބެގެ ހިލަމެއް ނުވި އެވެ. ކުޑަބެއެއް ނުފެނުނެވެ.

ސައްކުވާ މަންޒަރަކަށް ފެނުނީ، ހޯދަން ފެށުމުގެ އެއްދުވަސް ކުރިން ފެނުނު މަންޒަރެކެވެ. އެއީ ރޭގަނޑު 7 ޖަހާ އެހާކަންހާއިރު އޭރުގެ ބޯޓު ޔާޑު ނުވަތަ އޮޑިދޯނިފަހަރު މަރާމާތަށް އެހިލާ ދިމާލުގައި (މިހާރު ހުޅުމާލެ ފެރީ ޓާރމިނަލް ހުރިތަން) މަސައްކަތް ކުރަމުން ގެންދިޔަ ވައިކަރަދޫ ޖަނބުރޯލްގަސްދޮށުގޭ ޢަލީ ޢީސާ (ސަކީނާ ހުސައިންގެ ފިރިމީހާ) އަށް ފެނުނު މަންޒަރެވެ.

ތިންމީހަކު ވެގެން ގޯންޏެއްކަހަލަ އެއްޗެއް ކޮނޑަށް ލައިގެން އެދިމާލު ވާޓަރުން ބޭރަށް ރާޅުގަނޑުތެރެއަށް އެއްލައިލާ މަންޒަރު ވަނީ ފެނިފަ އެވެ. އަދި އެރޭގެ އެވަގުތަކީ އޮއިވަރާއި ވައި ހުރި ގޮތުން، އެ އެއްލާލި އެއްޗެއް އިރު އިރުކޮޅާ ރަށަށް ލައްވާތީވެ، ދަމާފައި ބޭރު ކުރާ މަންޒަރު ވެސް އޭނާއަށް ފެނިފައި ވެއެވެ.

އެރޭ އެ މަންޒަރު ފެނުނު އިރު، ސައީދު ގެއްލިގެން އުޅޭ ކަމެއް ޢަލީ ޢީސާ އަކަށް ނޭނގެ އެވެ. އެހެންވުމުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެވި އެމީހުން ކުރާނެ ކަމެއް ކުރުމަށް ދޫކޮށްލާފައި އަލިބެ ވެސް ދިޔައީކަމުގައި އަލިބެ ބުންޏެވެ.

ކުޑަބެ ގެއްލިގެން ހޯދަން ފެށުމާއި އެކު ސިފައިންނަށް މި މަޢުލޫމާތު ހިއްސާކުރެމުން، ސިފައިން ވެސް އެސަރަޙައްދު ގެ މޫދާއި ވާޓަރުންބޭރު ހޯދާ ބެލިއެވެ. އެހެނެއް ކަމަކު ސިފައިންގޭގައި އޭރު ވަސީލަތާއި ތަޖުރިބާ ލިބިފައި ތިބި ބަޔަކު ނެތުމުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނެވެ.

ކުޑަބެއަކީ ހީވާގި ޚުލްގު ހެޔޮ، ބަސްމަދު، ރައްޓެހި ރަޙްމަތްތެރީންނާއި ގާތް ގުޅުމެއް ބަހައްޓާ އާއިލާގެ ހުރިހައި އެންމެންގެ ލޯބި ހޯދަން ގަދަ އަޅައި މަސައްކަތް ކުރި ޒުވާނެކެވެ.

އެ ޒަމާނަށް ބަލާއިރު ތަޢުލީމު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔައީ ވަޒީފާ އަދާކުރަމުން ނެވެ. ޅެމާއި ފަރިހި ހެދުމަކީ ކުޑަބެގެ ހޮބީއެކެވެ. ތަޢުލީމް ޙާސިލް ކުރެއްވީ ވައިކަރަދޫ މަދުރަސާއިންނާއި މާލެއިން ނެވެ.