ސްޓެލްކޯއިން އެއްވެސް މިސްކަތަކުން ކަރަންޓު ނުކަނޑާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އިބްރާހީމް ދީދީ މިހެން ވިދާޅުވީ، ''ސްޓެލްކޯ އިން މާލެ ސިޓީގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރުދީފި'' މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރަކާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އިބްރާޙީމް ދީދީ ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އަދި އޭނާ ސްޓެލްކޯގެ ޗެއާމަނަކަށް ހުރެ މާލޭގެ މިސްކިތްތަކުން ނުވަތަ، ރާއްޖޭގެ އެންމެ މިސްކިތަކުން ވެސް ކަރަންޓް ކެނޑިޔަ ނުދެއްވާނެ ކަމަށެވެ. ނަމަވެސް ބިލު ނުދައްކާނަމަ މެނޭޖްމަންޓްއިން އެ ބިލުތަކަށް ފައިސާ ހޯދަން މަސައްކަތް ކުރާނެ ކަމަށް އިބްރާޙީމް ދީދީ ވިދާޅުވެފައި ވެއެވެ.

''މި އިސްލާމީ މުޖުތަމައުގައި ސްޓެލްކޯއިން އެއްވެސް މިސްކަތަކުން ކަރަންޓު ނުކަނޑާނެ، އެކަމަކު ހަމަޖެހިފައިވާ އުސޫލުން ހަމަޖެހިފައިވާ މުއައްސަސާއަކުން ބިލު ދައްކަން ވެސް ޖެހޭނެ'' އިބްރާޙީމް ދީދީ ވިދާޅުވެފައިވެއެވެ.

އިބްރާޙީމް ދީދީ ވަނީ، ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދޭގޮތައް ޚަބަރު ފެތުރުމަކީ ދެރަކަމެއް ކަމަށް ވެސް ވިދާޅުވެފައިއެވެ.