ތުރާކުނު ހުޅަނގު ބޭރުން އިންޑިޔާދިދަ ޖަހާފަހުރި ދެ ބޯޓެއް ހިފަހައްޓައިފި އެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ވަދެއުޅުނު، މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ހއ.އިންނަފިނޮޅު ކައިރިން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

Ad
rt

މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދީފައިވަނީ، އެ ސަރަޙައްދުގައި މަސްކަންކުރަން އުޅުނު ރާއްޖޭގެ އުޅަނދަކުން މިމަހުގެ 10 ވަނަ ދުވަހުގެރޭ 19:00 ހާއިރުއެވެ. އަދި، މި ދެ ބޯޓު ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓް ކްރާފްޓް "ފާމުލަދޭރީ" ގެ ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ސިފައިން ހިންގި އޮޕަރޭޝަނުގައި، މީގެ ތެރެއިން އެއް ބޯޓު ފެނިފައިވަނީ، ހއ. އިންނަފިނޮޅާ 19 މޭލު ބޭރުންނެވެ. އަދި ދެވަނަ ބޯޓު ފެނިފައިވަނީ ހއ.އިންނަފިނޮޅުން 29 މޭލު ބޭރުންނެވެ. އިންޑިއާގެ ދިދަ ނަގާފައިވާ މި ދެ ބޯޓުގައި ޖުމުލަ 19 މީހުން ތިބިއިރު، އެއް ބޯޓުގައި 10 މީހުން އަދި ދެވަނަ ބޯޓުގައި 9 މީހުން ތިއްބެވެ.

މި ދެ ބޯޓު ވަނީ ސިފައިންގެ ބެލުމުގެ ދަށުން މިއަދު 13:13 ހާއިރު، ހއ. އުލިގަމު ކައިރީ ބަނދަރުކޮށްފައެވެ. މި ހާދިސާ، ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން އިތުރަށް ދަނީ ތަހުޤީޤު ކުރަމުންނެވެ.