ކަޅުއޮށްފުންމި މިވަގުތު ހުރީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުގައި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
އެކަމަނާ ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހއ. ބާރަށުގައި ކަޅުއޮށްފުންމި ބާއްވާނެ ޖާގައެއް ހަދައި، އެރަށަށް އެ އުޅަނދު ގެންދިއުމަށް ކަމަށެވެ. އެއީ ބޮޑުތަކުރުފާނާއި ގުޅުންހުރި މިކަހަލަ އޮޑިއެއް އެންމެއެކަށީގެންވަނީ އެ ހިސާބުގެ ރަށެއްގައި އޮތުމަށްކަމަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ބޮޑުތަކުރުފާނާ ގުޅުންހުރި މިކަހަލަ އޮޑިއެއް، ބޮޑުތަކުރުފާނު ވާހަކައިގަ ބޮޑުތަކުރުފާނުގެ ޖިހާދުގަ ވަރަށްމުހިންމުކޮށް ބޭނުން ކުރެއްވި މި އޮޑި އެންމެއެކަށީގެންވަނީ އެހިސާބުގެ ރަށެއްގަ އޮތުން ކަމަށްވާތީ، އޭގެ މަސައްކަތްތަކެއް ބާރަށު ކައުންސިލާއެކު މިހާރުވެސް ކުރެވެމުންދޭ." ޔުމްނާ ވިދާޅުވި އެވެ.
އެއީ ޕޯޗްގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކުރުމަށް އުތީމު ބޮޑުތަކުރުފާނުގެ ލަފަޔަށް ބަނދެ، ރާއްޖެ މިނިވަން ކުރުމަށް ބޭނުން ކުރެއްވި ކަޅުއޮށްފުންމީގެ ނަމޫނާއަކަށް، ބަނދެފައިވާ އޮޑިއެކެވެ. މި އޮޑި ބަނދެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ނެވެ.
ފަންސާސް އެއް ފޫޓު ހަ އިންޗީގެ ބޮޑު މި އޮޑި ބަނުމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އޮޑި މާލެ ގެނެސް، ފުރަތަމަ ބާއްވާފައިވަނީ މާލޭގެ ސިޓީ ޕާކުގަ އެވެ. އެހެންނަމަވެސް، ކަޅުއޮށްފުންމި ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން އެމްއެންޑީއެފް ގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެއީ މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށް ބުނެ އެވެ.
ކަޅުއޮށްފުންމި މަރާމާތު ކުރަމުން ގެންދަނީ އެސްޓީއޯ އިން ތެޔޮ ރައްކާ ކުރާ ކ. ފުނަދޫގަ އެވެ. ނަމަވެސް އޮޑިއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް މިހައިތަނަށް ހާމަކުރައްވާފަ އެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!