މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވެއްޖެއެވެ.
ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫއަކީ މިވަގުތު ފްރާންސް ޓީމްގައި އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއާއެވެ. އޭނާ ވަނީ ލައިޕްޒިގް މި ސީޒަންގައި ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި 12 ލަނޑު ޖަހާފައެވެ. މިވަގުތު ޖަރުމަނު ލީގުގެ ޓޮޕް ސްކޯރާއަކީ ވެސް އޭނާއެވެ.
ރިޕޯޓްތައް ބުނާގޮތުން އެންކުންކޫއަށް އަނިޔާވެފައި ވަނީ އަންގާރަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގެ ތެރޭ، ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރ ކަމަވިންގާ އެންކުންކޫއަތުން ބޯޅަ ހޯދުމަށް ޗެލެންޖް ކުރުމުގެ ތެރޭގައެވެ.
ފްރާންސް އިންޖަރީގެ ލިސްޓަށް އެންކުންކޫ އިތުރުވީއިރު، ފްރާންސް މިފަހަރު ވޯލްޑް ކަޕަށް ގޮސްފައި ވަނީ ވެސް އަނިޔާގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ޓީމްގައި ނުހިމަނައެވެ. އެގޮތުން ބަލާއިރު ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ އަދި ކަންޓޭ ވެސް އަނިޔާގެ ސަބަބުން ޓީމުން ވަނީ ބާކީ ކޮށްފައެވެ. އަދި ފަހުވަގުތު ޑިފެންޑަރ ކިމްޕެމްބޭއަށް ވަނީ އަނިޔާގެ ސަބަބުން ޓީމުން ފުރުޞަތު ގެއްލިފައެވެ. ލިސްޓުގައި ހިމެނި ނަމަވެސް ޑިފެންޑަރ ރަފޭލް ވަރާނޭ ވެސް އަދިވެސް އަންނަނީ އަނިޔާއިން ރިކަވަރ ވާން މަސައްކަތް ކުރަމުންނެވެ.
އެންކުންކޫގެ ބަދަލުގައި ދެން ފްރާންސް ޓީމުން ފުރުޞަތު ދޭނެ ކުޅުންތެރިއެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!