ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިކަން އިޢުލާން ކުރެއްވީ ޢަރަބި ބަސް އުނގަންނައިދިނުމުގެ ބޮޑު މަޝްރޫޢު އިއުލާން ކުރެއްވުމަށް އެއިންސްޓިޓިއުޓުގައި ކުރިއަށްގެންދިޔަ ނޫސްކޮންފަރެންސް އެއްގަ އެވެ.
މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއްގެ ތެރެއިން، މަރުޙަލާތަކަކަށް ބަހާލެވިގެން ފަރުމާ ކުރެވިފައިވާ މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށް ހެދުމާ އެކު، ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ޖީލެއް ބިނާކުރުންކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ.
"މި ޕްރޮގްރާމްގައި ކިޔަވައި ދިނުން އެއްކޮށްހެން ކުރިއަށް ގެންދާނީ ޢަރަބި ބަހުން، މިޕްރޮގްރާމުގައި ހަމައެކަނި ފޮތްބައެއް ނިންމާލަން އުޅުމުގެ ބަދަލުގައި އަޅުގަނޑުމެން އިސްކަންދޭނީ އެދަރިވަރަކު ކިޔަވަމުން ދާ މަރުޙަލާއެއްގައި ޙާޞިލު ވާން ޖެހޭ ބަހުގެ ހުނަރުތައް އެންމެ ރަނގަޅަށް ޙާޞިލުވެގެން އަނެއް މަރުޙަލާއަށް ބަދަލުވެ، ޕްރޮގްރާމް އެއްކޮށް ނިންމާލުމަށް"
ކިޔަވައި ދިނުން ކުރިއަށް ގެންދާނެ ގޮތް ހިއްސާކުރަމުން ބުނެފައިވެއެވެ.
މުޅި ޕްރޮގްރާމް ނިމޭ އިރު، ޢަރަބި ބަހުން މުޢާމަލާތް ކުރުމާއި ޢަރަބި ބަހުން ލިޔެވިފައިވާ ތަކެތި ފަހުމް ވުމަށް ބޭނުންވާ އެންމެހާ ހުނަރުތަކެއް ﷲގެ އިރާދަފުޅާއެކު ދަރިވަރުންނަށް ރަނގަޅަށް ޙާޞިލު ކުރެވޭނެކަމަށާއި މިއާއެކު، ދަރިވަރުން ވާނީ ޢަރަބި ބަސް ނުވަތަ އެބަހާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ބުންޏެވެ.
މީގެ އިތުރުން، ޢަރަބި ބަހުން އޯ ލެވެލް އިމްތިޙާނު ހަދަން ބޭނުންވެއްޖެ ދަރިވަރަކަށް އެ އިމްތިޙާނު ހަދައި، މަތީ ނަތީޖާއެއް ހޯދޭ ފެންވަރު އެކުދިންގެ ކިބައިގައި ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
މި ޕްރޮގްރާމް އަމާޒުކުރެވޭ އުމުރުފުރާ އަކީ 7 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގެ މަދަރުސީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ދަރިވަރު ޕްރޮގްރާމް ފެށުމަށްފަހު އެދަރިވަރުގެ އުމުރު 16 އަހަރު ފުރުނު ނަމަވެސް އެދަރިވަރަކަށް ޕްރޮގްރާމް ނިންމުމުގެ ފުރުސަތު ފަހިކޮށްދެވޭނެކަމަށާއި އަދި 16 އަހަރު ފުރޭ ދަރިވަރުން، އެއިންސްޓިޓިއުޓްގެ އެމް.ކިޔު.އޭ ޢަރަބި ކޯސްތަކަށް ބަދަލުވާން އެދޭ ނަމަ، އެ ފުރުސަތު ފަހި ކޮށްދެވޭނެކަމަށްވެސް ބުންޏެވެ.
ކުލާސްތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 5 ދުވަހު، ހެނދުނު ދަންފަޅިއާއި މެންދުރުފަހު ދަންފަޅިއަށް ބަހާލައިގެން ކުލާހަށް ހާޒިރު ވެގެންނެވެ. ހެނދުނު ދަންފަޅި އަމާޒުކުރުވެނީ މެންދުރުފަހު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. އަދި މެންދުރުފަހު ދަންފަޅި އަމާޒުކުރެވެނީ ހެނދުނު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށެވެ. ދަރިވަރު ކިޔަވަން ހާޒިރުވާނެ ސީދާ ދުވަސްތަކާއި ގަޑިތައް ކަނޑައެޅިގެންދާނީ، ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނު ނިމުމުންކަމަށް އެފަރާތުން ބުންޏެވެ.
ކުލާހުގެ ފީ އަކީ މަހަކަށް 800 ރުފިޔާ އެވެ. ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިލްމް އިންސްޓިޓިއުޓްގެ ހޮޓްލައިން: 7707997 އަށް ގުޅުއްވުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!