ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައި ސެކިއުރިޓީ ޖަލެއް ހަދަން ނިންމައި، އެ ޖަލު ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ "ޕީއެސްއެމް ނިއުސް" ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ މިޖަލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ގާއިމްކޮށްފައިވާ މިފަދަ ޖަލުތަކުގެ ޑިޒައިންތަކާއި އެއްގޮތަށް ބަލައި، އިމާރާތްކުރާ ޖަލެއް ކަމަށެވެ.
ބޮޑެތި ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންނާއި، މުޖުތަމަށް ނުރައްކާތެރި ކުށެވެރިން ބަންދު ކުރުމަށް ގާއިމުކުރާ މި ޖަލާއި ބެހޭގޮތުން އިމްރާން ވިދާޅުވީ އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ ތެރެއިން ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުންނާއި އެނޫން ކުށްތަކުގައި ބަންދު ކުރެވޭ މީހުން އެއްތަނެއްގައި ބައިތިއްބަން ޖެހުމަކީ އޮތް ގޮންޖެހުމެއް ކަމަށެވެ.
ރާއްޖޭގައި ހައި ސެކިއުރިޓީ ޖަލެއް މިހައިތަނަކަށް ނެތްކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އުންމީދު ކުރަނީ ކުރިއޮތް ހަ މަސްދުވަހުގެ ތެރޭގައި އެތަން ގާއިމް ކުރެވޭނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެން މުޅި މައްސަލައާއި ޑީލްކުރާއިރުގައި ވަރަށް މުހިންމު ޕޮއިންޓަކަށް ދެވޭނެ ހިސާބެއް. ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޖަލުތަކުގައި ކުރެވޭ އަނިޔާތަކަށް ވަނީ ނިމުމަށް ގެނެވިފަ." އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ އެއްވެސް މީހަކަށް ޖަލުގައި އަނިޔާކޮށް، އެފަދަ ލާއިންސާނީ އަމަލުތައް ހިންގުމުގެ ޖާގައެއް މިހާރު ނޯންނާނެ ކަމަށާއި ޖަލުގައި އެފަދަ އަނިޔާއެއް ކުރާ އޮފިސަރުންނާއިމެދު މިހާތަނަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި އެފަދަ އޮފިސަރުން މަގާމުން ވަކިކޮށްފައިވާނެކަން ވެސް ފާހަގަކުރެއްވި އެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލުގެ ޖާގަ އިތުރު ކުރުމަށްޓަކައި މިހަތަރު އަހަރުގެ ތެރޭގައި ކުރި މަސައްކަތުން މިހައިތަނަށް 250 ޖާގަ ވަނީ އިތުރު ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!