މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ދެއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި ވުމާއިއެކު މި ފަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ފެންނާނެ ކަމުގައި ޕީއެސްއެމުން ހާމަކޮށްފިއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ހިމެނޭ ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓް ގަނެފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވަޔާކޮމް18 އިންނެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑީނެޓުން ވަނީ އިންޑިއާގެ ވަޔާކޮމް އަތުން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ރީބްރޯޑްކާސްޓް ރައިޓްސް އެއްމިލިއަން ޑޮލަރަށް ގަނެފައެވެ.
މީޑިއާނެޓުން ވަނީ ރާއްޖޭގެ ދެ ޓީވީ ޗެނަލަކަށް ރައިޓްސް ވިއްކާފައެވެ. މިގޮތުން ރާއްޖެ ޓީވީއާއި މީޑިއާ ނެޓުން ހިންގާ އައިސް ޓީވީން ވަނީ ރައިޓްސް ގަނެ އެ ޗެނަލްތަކުން ވޯލްޑް ކަޕް ފެންނާނެ ކަން އިޢުލާން ކޮށްފައެވެ.
ޕީއެސްއެމުން ވެސް ވަނީ ވަޔާކޮމް18 ކުންފުނި އަތުން ބްރޯޑްކާސްޓިން ރައިޓްސް ގަތުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ ފައިސާ ހަމަނުޖެހުމުން އޭރު އެކަން ވާގޮތް ނުވިއެވެ. މީގެ އިތުރުން މީޑީއާނެޓާއި ގުޅިގެން ވެސް ޕީއެސްއެމުން ވޯލްޑް ކަޕް ދެއްކުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ނަމަވެސް އޭރު އެކަން ހަމަޖެހިފައި ނުވެއެވެ.
ޕީއެސްއެމުން ވޯލްޑް ކަޕް ދައްކާނެކަން ހާމަކޮށް އެ ކުންފުނިން ވިދާޅުވެފައި ވަނީ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެހެންވެ މިހާރު ނަގާފައިވާ ޕެކޭޖުން ވެސް މެޗުތައް ފެންނާނެ ކަމަށެވެ.
ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ ދަށުން، ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ލިބިދޭންޖެހޭ ކަމަށް ކޮމިޝަނުން ކަނޑައަޅާ އިވެންޓްތައް އާންމުކޮށް އެންމެންނަށް ހިލޭ ދައްކަން ޖެހެ އެވެ. އެއިން އެއްވެސް އިވެންޓެއްގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކުން ރީބްރޯޑްކާސްޓް ކުރެވޭނީ، ގައުމީ ޓީވީ އަށް އޭގެ ރައިޓްސް ހިލޭ ދިނުމަށް ފަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!