މެނެޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެދު އެ ކުލަބުން ބޭއިންސާފުން ކަންކަން ކުރަމުން އަންނަ ކަމަށާއި، އަދި އެ ކުލަބް ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުން އަންނަ ކަމުގައި އޭނާ ބުނެފިއެވެ.

ޕިއާސް މޯގަންއަށް ދިން ދިގު އިންޓަވިއުއެއްގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑާއި، އަދި މިވަގުތު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި ޓެން ހާގް އާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.

Ad
rt

ފާއިތުވި ސީޒަން ޔުނައިޓެޑުން ނިންމާލިއިރު އެ ޓީމަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުޞަތު ނުލިބުމާއި ގުޅިގެން، މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑް ދޫކޮށް ދިއުމަށް ވެސް ރޮނާލްޑޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އުމުރުން 37 އަހަރުގެ ކުޅުންތެރިއާ ގެންދަން ކުލަބުތަކުން ކުރަންޖެހޭ ޚަރަދާއި، އޭނާގެ އުމުރާއި ނުބައްދަލުވުމުގެ ސަބަބުން އޭނާއަށް ޝަޢުޤުވެރިކަން ފާޅުކުރި ކުލަބުތަކަށް ވެސް އެކަންވާގޮތެއް ނުވިއެވެ.

ރޭ މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކޮށް 2-1 ގެ ނަތީޖާއިން ޔުނައިޓެޑް މޮޅުވި މެޗުގައި، ޔުނައިޓެޑްގެ ޓީމުގައި ރޮނާލްޑޯ ހިމަނާފައި ނުވެއެވެ. މީގެ އިތުރުން ފާއިތުވި ހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާއަތުން ޔުނައިޓެޑް މޮޅުވި މެޗަށް ނެގި ޔުނައިޓެޑްގެ ޓީމުގައި ވެސް ރޮނާލްޑޯ ހިމަނާފައި ނުވެއެވެ. ރޮނާލްޑޯ ޔުނައިޓެޑްގެ ޖޯޒީގައި އެންމެ ފަހުން ކުޅެފައި ވަނީ ފާއިތުވި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި އެސްޓަންވިލާ އަތުން 3-1 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވި މެޗުގައެވެ. އެ މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅާފައި ވަނީ ވެސް ރޮނާލްޑޯއެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ މިވަގުތު ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި ޓެން ހާގްގެ އިތުރުން ކުލަބުގެ ބައެއް އެހެން ފަރާތްތަކުން ވެސް އޭނާ އެ ކުލަބް ދޫކޮށް ދިއުމަށް މަޖުބޫރު ކުރަމުން އަންނަ ކަމަށާއި، އެކަން އެގޮތަށް އޮތީ ހަމައެކަނި މިސީޒަންގައި ނޫން ކަމަށާއި މިދިޔަ ސީޒަންގައި ވެސް އޮތީ އެ ގޮތަށް ކަމުގައި ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައި ވަނީ ޔުނައިޓެޑްގެ ކޯޗްގެ މަޤާމުގައި ހުރި އެރިކް ޓެން ހާގަށް އޭނާ އިހުތިރާމް ނުކުރާ ކަމަށާއި، އޭނާ (އެރިކް ޓެން ހާގް) ވެސް ރޮނާލްޑޯއަށް އިހުތިރާމް ނުކުރާ ކަމަށެވެ. "ތިމަންނައަށް އިހުތިރާމް ނުކުރާ މީހަކަށް ތިމަންނަ ވެސް އިހުތިރާމެއް ނުކުރާނަން" ރޮނާލްޑީ ބުނެފައިވެއެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައި ވަނީ 2013 ވަނަ އަހަރު ފާގަސަން އެ ޓީމްގެ ކޯޗްގެ މަޤާމް ދޫކޮށްލިފަހުން އެ ޓީމަށް ކާމިޔާބު ނުލިބޭ ސަބަބުތައް ބައިވަރު ކަމަށާއި، އެ ސަބަބުތައް ހޯދައި ހައްލުކޮށް ކާމިޔާބާއި ހަމައަށް ދިއުމަށް ޔުނައިޓެޑުން މަސައްކަތް ނުކުރާ ކަމަށެވެ.

ރޮނާލްޑޯގެ އިންޓަވިއުގައި އޭނާ ވަނީ ޔުނައިޓެޑަށް އޭނާއާއިއެކު ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ރޫނީއަށް ވެސް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. ރޮނާލްޑޯ ބުނެފައި ވަނީ ރޫނީ އޭނާއާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ. ރޫނީ އަކީ މިހާރު ކެރިއާ ނިންމާލާފައިވާ ކުޅުންތެރިއެއް ކަމަށާއި، ނަމަވެސް އޭނާ (ރޮނާލްޑޯ) އަކީ މިހާރުވެސް މަތީ ފަންރީގައި ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ. އެކަމާ ރޫނީ ހިތްހަމަ ނުޖެހިގެން އުޅޭކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައި ވަނީ އޭނާ އަބަދުވެސް ޔުނައިޓެޑް ދެކެ ލޯބިވާ ކަމަށާއި، ސަޕޯޓަރުން ދެކެވެސް ލޯބިވާ ކަމަށާއި އަދި ސަޕޯޓަރުން ވެސް އޭނާދެކެ ލޯބިވާ ކަމަށެވެ.

މި ސީޒަންގައި މިހާތަނަށް ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު ވެސް ރޮނާލްޑޯއާއި ޔުނައިޓެޑްގެ ކޯޗް ޓެން ހާގް އާއި އަދި އެ ކުލަބާއި އޮތް ގުޅުން އެންމެ ރަނގަޅު ނޫންކަން ހާމަވެއެވެ.

މި ސީޒަންގައި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުންނަށް ރޮނާލްޑޯ ދެކޮޅު ހެދައި، މެޗު ނުނިމެނިސް ބެންޗު ދޫކޮށް ދިއުމުގެ ސަބަބުން ޔުނައިޓެޑުން ވަނީ ރޮނާލްޑޯއަށް އަދަބު ދީފައެވެ. މިގޮތުން ޓޮޓެންހަމަށް ފަހު ޗެލްސީއާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި އަދަބެއްގެ ގޮތުން ރޮނާލްޑޯ ވަނީ ޓީމުން ބޭރުކޮށްފައެވެ. އެ ހަފްތާގައި އޭނާއަށް ޓީމާއިއެކު ތަމްރީން ފުރިހަމަ ކުރުމުގެ ފުރުޞަތު ވެސް ނުދެއެވެ.